ށ. ފުނަދޫ އަދި އޭދަފުށީގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ފުނަދޫ އަދި އޭދަފުށީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ހުންނާނެއެވެ. މި ދެ ފެސިލިޓީވެސް ތަރައްގީކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ އަންނަ ހަފުތާގައި ލ. ގަމާއި އައްޑޫ ސިޓީ ހިތަދޫ އަދި ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތައްވެސް ހުޅުވިގެންދާނެ ކަމަށެވެ.
ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއި ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފާއި އައިޖީއެމްއެޗްގެ ފުއްޕާމެއާ ބެހޭ ހާއްސަ ޑޮކްޓަރު ޑރ. މޫސާ ހުސެއިން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތު މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ކޮވިޑް ޕޭޝަންޓެއް ފެނުނު ދުވަހުން ފެށިގެން ފެސިލިޓީތައް ތަރައްގީކުރުމުގެ މަސައްކަތާއި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެށުނު ކަމަށެވެ. އެގޮތުން ހަތް ރަށެއްގައި މެޑިކަލް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ފެށުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހުޅުމާލޭގައިވެސް ފެސިލިޓީއެއް ގާއިމް ކުރެވިފައިވާ ކަމަށާއި މިތަންތަން ގާއިމުކުރެވިފައިވަނީ ރެކޯޑް ސްޕީޑެއްގައި ކަމަށެވެ.
ކުރިން ކޮވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ ނިސްބަތް އުޅެނީ 30 ޕަސެންޓުގައި ކަމަށާއި ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާއެކު މިހާރު ދިވެހިން ޕޮޒިޓިވްވާ މިންވަރު 70 ޕަސެންޓާއި 90 ޕަސެންޓަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން ސިއްހީ މާހިރުން ދެއްވާ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.
މި ރަސްމިއްޔާތުގައި ޑރ. މޫސަ ހުސެއިން ވިދާޅުވީ ކޮވިޑް ފެސިލިޓީސްތައް އަތޮޅު ތެރޭގައި ގާއިމުވެގެން ދިއުމަކީ ބައްޔަށް ފަރުވާ ދިނުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިހާރަށް ވުރެ ކައިރިން ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު