ސަފާރީ ރޭޕް ކޭސްއާއި ގުޅިގެން 11 މީހެއްގެ ބަޔާން ނަގައި އަންހެން މީހާގެ ފޯނު މޫދު އަޑީން ހޯދައިފި ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާބެހޭ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޗީފް އިނިސްޕެކްޓާ މަރިޔަމް އަޒުމާ ވިދާޅުވީ، މިދިޔަ ޖޫންމަހުގެ 25 ވަނަދުވަހުގެ ރޭ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ހުށަހެޅިފައިވަނީ އެކަމުގައި އަނިޔާ ލިބުނު އަންހެންމީހާ އާއި އިތުރު ދެ ފިރިހެނަކު ޖޫން 26 ވަނަ ދުވަހުގެ ފަތިހު ލަކުޑި ޖެޓީގައި ތިއްބައި ޕެޓްރޯލު ކުރަން އުޅުނު ފުލުހުންނަށް ފެނިގެން ސުވާލު ކުރުމުން ކަމަށެވެ.
އޭނާއާ ފުލުހުން ފުރަތަމަ ސުވާލުކުރުމުން އޭނާގެ ފޯނު ހޯދަނީ ކަމަށް ބުނި ނަމަވެސް އިތުރަށް ސުވާލުކުރުމުން، އެރޭ ރައްޓެއްސެއްގެ ދައުވަތަކަށް އެ ސަފާރީއަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި، އޭގައި އޭނާއަށް ޖިންސީ ގޯނާކޮށް، އޭގައި ތިބި މީހުންގެ އަމަލުތައް ހުރިގޮތުން އެފަދަ އަމަލެއް އިތުރަށް ތަކުރާރުކޮށްފާނެތީ އެ ސަފާރީން އޭނާ މޫދަށް ފުންމާލީ ކަމަށް އަންހެންމީހާ ބަޔާންދީފައިވާ ކަމަށްވެސް އަޒުމާ ވިދާޅުވިއެވެ.
އަޒުމާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެ އަންހެންމީހާ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ފުލުހުން އެކަމުގެ ތަހުގީގު ފެށި ކަމަށެވެ. އަދި އޭރު އެ އަންހެން މީހާ ކައިރީގައި ތިބި ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށް ސުވާލުކުރި ނަމަވެސް އެމީހުން އިތުރަށް ބަންދުކޮށްފައި ބައިތިއްބަން ޖެހޭ ކަމެއް އެވަގުތަށް ނެތުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އަޒުމާ އިތުރަށް ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން ސަފާރީއަށް އެރުމުގެ އިތުރުން 11 މީހަކާ ސުވާލުކޮށް ތަހުގީގަަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ސަފާރީ އޮތް ސަރަހައްދަށް ފުލުހުން ޑައިވްކޮށް އެ އަންހެން މީހާގެ ފޯނު ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މައްސަލައިގައި ކުރިއަށްދާނެ ގޮތަކާމެދު ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް