ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޓީޗަރަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޣާޒީ ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް މުހައްމަދު "ވަން" އަށް ވިދާޅުވީ، އެ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވީ މިދިޔަ ހަފްުތާގެ އަންގާރަ ދުވަހު ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހުން ފެށިގެން އޭނާ ސްކޫލަށް ނުކުމެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕޮޒިޓިވް ވި ޓީޗަރަކީ އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރެކެވެ.

ނަމަވެސް މިދުވަސްވަރު ސެން ކުލާސްތައް ނޯންނާތީ އާއި ސްކޫލުގައި ކައުންސިލިން ދޭނެ މީހަކު ނެތިގެން ޕޮޒިޓިވް ވި ޓީޗަރު މަސައްކަތް ކުރައްވަމުން ގެންދެވީ ސްކޫލްގެ ކައުންސިލިން ޑިޕާޓްމަންޓުގަ އެވެ.

ނަމަވެސް އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރި ދުވަސްވަރު އެއްވެސް ދަރިވަރެއް ކައުންސިލިން ހޯދަން ގޮސްފައި ނުވާ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވި ޓީޗަރު މިވަގުތު ހުރީ ފެސިލިޓީއެއްގައި ކަމަށާއި އަދި އޭނާއާ ފަސް ޓީޗަރަކު ކޮންޓެކްޓް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކައުންސިލިން ޑިޕާޓްމަންޓްގައި މަސައްކަތް ކުރި ތިން ޓީޗަރަކާއި މަގުމަތިން ދިމާވި އިތުރު ދެ ޓީޗަރުންނެވެ. މީގެން އެއްވެސް ޓީޗަރަކު އެއްވެސް ދަރިވަރަކާ ބައްދަލުވެފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޕޮޒިޓިވްވި ޓީޗަރާ ކޮންޓެކްޓްވި ފަސް ޓީޗަރުން މިވަގުތު ތިބީ ގޭގައި ކަރަންޓީނު ކޮށްފަ އެވެ.