ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ނޫސްވެރިންނަށް ފޮނުވާފައިވާ ދައުވަތުގައި ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުން ކުރިޔަށް ދާނީ އިސްކަންދަރު ބިލްޑިންގްގައި މިއަދު މެންދުރު 1:00 ގައި ކަމަށެވެ. ނަމަވެސް މި ނޫސްވެރިންގެ ބައްދަލުވުމަކީ ވާޗުއަލްކޮށް ބާއްވާ ބައްދަލުވުމެކެވެ.

ފުލުހުން ބުނީ، އެ ދެ މައްސަލައާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ އިތުރުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒްމާ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ފަތިހު ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ މީހެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވެ އެވެ. އެ އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި އެމީހުން ރާ ބުއި ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލައިގައި މިމަހުގެ އެއްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މައުލޫމާތު ދެއްވަމުން މަންނާނު ވިދާޅުވީ، އެއީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލައަކީ ޖިންސީ ގުނަވަން ތަކެއްގައި އަތް ލި މައްސަލައެއް ކަމަށެވެ. ތުހުމަތު ކުރެވޭ ދެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ފުލުހުންގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ކަން ކޮށްފައިވަނީ އެފަދަ އެހެން މައްސަލަތަކުގައި ފުލުހުން ކަން ކުރާ ގޮތަށް ކަމަށެވެ. އެގޮތުން މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލީ އެވަގުތު ހުރި ހެއްކަށް ބަލާފައި އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ، ހާދިސާ ހިނގި ސަފާރީއަށް އަރައި، ސަފާރީ ފާސްކޮށް ބައެއް ފަރާތްތަކާ ސުވާލު ވެސް ކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައި ދޫކޮށްލި ދެމީހުންގެ އިތުރުން، ސަފާރީއަށް އަރައި އޭގެ ކެޕްޓަންގެ އިތުރުން، އެ އަންހެން މީހާ ބޯޓަށް އަރުވައި ބަނގުރާ ދިން މީހާ ކަމަށް ބުނާ މީހާއާވެސް ސުވާލުކުރި ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ފިޔަވައި މައްސަލައާ ގުޅުންހުރި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ މައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގޭތެރެއިން އަލީ ވަހީދުގެ ފޯނަކާއި ލެޕްޓޮޕެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހެކި ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކޯޓް އަމުރެއްގެ ދަށުން އޭނާ ފުރުން ވެސް ވަނީ މަނާކޮށްފައެވެ.