ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ މައި ދޮރާށީގައި ބޮޑުތަޅު އެޅުވީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. އެއާއެކު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވަމުން އައިސް ގިނަ ރިސޯޓުތައް ބަންދުކޮށް، މުވައްޒަފުން ނޯ-ޕޭގެ އިތުރުން ބައިކުޅަބައި މުސާރައަށް ފޮނުވާލެވުނެވެ. ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރިވެސްމެއެވެ. ކޮވިޑުގެ އަސަރު ސީދާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައިލައްކައެއްހާ މީހުންނަށް ކޮށްފައިވާއިރު، އޭގެ ތެރޭގައި 22،000 އަށް ވުރެ ގިނަ ދިވެހިންވެސް ހިމެނޭކަމަށް ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހަދާފައިވާ ދިރާސާއަކުން ވަނީ ދައްކައިފައެވެ. ފަތުރުވެރިކަމުގެ ސިނާއަތް އެކަންޏެއް ނޫނެވެ. ބޯޑަރު ބަންދުކުރުމާ އެކު ހުރިހާ ވިޔަފާރިއަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރިއެވެ. އެތައް އާއިލާއެއް ބިކަވިއެވެ. އެތައް ބައެއްގެ އަތްމަތި ދަތިވެ ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ނުކުންނަ ހާލަތަށް ގައުމުގެ ކަންކަން ދިޔައެވެ. އިގްތިސޯދީ ބޮޑު ބަލިމަޑުކަމެއްގެ ތެރެޔަށް ގައުމު ވެއްޓިގެންދިޔައެވެ.

ކޮވިޑް 19ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުންގައި އޮތުމަށް ފަހު މި މަހުގެ އެއްވަނަ ދުވަހު އެތެރޭގެ އިގުތިސޯދު ހުޅުވާލި އެވެ. ބަލި ނެތް ރަށްރަށުގެ މެދުގައި ދަތުރުފަތުރު ކުރުމުގެ ހުއްދަ ދެވުނެވެ. އެއާއެކު އިގްތިސޯދީ ބަގީޗާގައި މިލާމޯޅިވެފައިވާ ގަސްތަކުން ކުރި ފަޅައި މަޑުމަޑުން އިގްތިސޯދީ ހަރަކާތްތައް ފެށިގެންދިޔައެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ބަންދުވެފައި އޮތުމުން އިގްތިސޯދަށް ލިބެންވާ ހަގީގީ ދިރުމެއް ނުލިބެއެވެ. އެހެންކަމުން އެތެރޭގެ އިިކޮނޮމީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވައިލެވުނަސް، ހަގީގީ ގޮތުން އިގްތިސޯދު ހުޅުވިގެން ގޮސްފައިވަނީ ރާއްޖޭގެ މައި ދޮރާށީގައި އަޅުވާފައިވާ ބޮޑުތަޅު، މި މަހުގެ 15 ވަނަ ދުވަހު ނައްޓައި ފަތުރުވެރީނަށް ރާއްޖެ ހުޅުވައިލުމާ އެކުގައެވެ.

ބޯޑަރު ހުޅުވައިލުމާއެކު ބުދަދުވަހު ރާއްޖެޔަށް ގަތަރު އެއާވޭސްގެ ފްލައިޓަކާއި ސްރީލަކަން އެއާލައިންގެ ފްލައިޓެއްގެ އިތުރުން ޕްރައިވެޓް ޖެޓެއް ވެސް އައިސްފައި ވެއެވެ. އެގޮތުން ޖުމުލަ 212 މީހުން ރާއްޖެއަށް އައިސްފައިވާއިރު، އޭގެ ތެރޭގައި 32 ގައުމަކުން ރާއްޖެ އައި 103 ފަތުރުވެރިންވެސް ހިމެނެއެވެ. ރާއްޖެ އައި ގިނަ ފަތުރުވެރިންނަކީ ޔޫރަޕްގެ ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ. ފުރަތަމަ ދުވަހު ރާއްޖެއަށް 103 ފަތުރުވެރިން އައިނަމަވެސް ސަރުކާރުގެ އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އެހެނިހެން ފަރާތްތަކުގެވެސް އުންމީދަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ހިންދެމިލެވޭ ވަރަށް ފަށައިގަނެވޭ ވަރު ވުމެވެ. ނަމަވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލް ކަމަށްވާ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަޝްވަރާތައް އަދިވެސް ދަނީ ވަކިކޮޅެއްގައި ނުޖެހި ކުރިޔަށެވެ. އިގްތިސޯދީ ތަޖުރިބާކާރުންގެ ނަޒަރުގައި ޗައިނާ މާކެޓަށް ރާއްޖެ ހުޅުވައިލެވިއްޖެނަމަ ފަތުރުވެރިކަމަށް "ބޫސްޓެއް" ލިބިގެންދާނެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖެއަށް އާމްދަނީ ވަންނާނެ ދޮރުތައް ބަންދުވުމުން ބޭރުގެ ލޯނު އެހީއާއި ހިލޭ އެހީ ހޯދަން ސަރުކާރަށް މަޖުބޫރުވިއެވެ. އެގޮތުން ސަރުކާރުން ބުނަމުން އަންނަނީ މާލީ އިދާރާތަކުންނާއި ގައުމުތަކުން މިހާތަނަށް 300 މިިލިއަނެއްހާ ޑޮލަރު ޔަގީންވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިންވެސް ގިނަ ފައިސާ ދައުލަތަށް ލިބިފައި ނުވާއިރު، ދައުލަތް ރަނގަޅަށް ހިންގައި ބަޖެޓު ފައިނޭންޝަލް ގެޕް ކުޑަ ކުރަން ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ އަދިވެސް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ބޭރުގެ އެހީ ހޯދަން ބަލާއިރު ހާލަތަށް ރިއާޔަތްކޮށް އެކަންވެސް ވެފައިވަނީ ފަސޭހަ ކަމަކަށް ނޫނެވެ. ކޮވިޑުގެ ސަބަބުން ދުނިޔޭގެ ބިޔަ ގައުމުތަކުގެ އިގްތިސޯދުވެސް ހީނަރުވެފައިވާއިރު އެހީ ލިބޭނެ ގިނަ ދޮރުތައް މިވަނީ ބަންދު ވެފައެވެ. އޭގެ އެންމެ ރަނގަޅު މިސާލަކީ ރާއްޖޭން ޖަޕާނުގެ ބާޒާރުގައި ވިއްކަން މަސައްކަތް ކުރި 300 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު ނުވިކުމެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސޯދުގައި ފައިސާ ރަނގަޅަށް ރޯލުވާން ފަށާނީވެސް ފަތުރުވެރިކަމުގެ ފުރިހަމަ މަންފާ ލިބެން ފެށުމުންނެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ރާއްޖޭގެ އިގްތިސޯދު ހުއްޓުމުގެ ސަބަބުން ކޮންމެ ދިހަ މީހެއްގެ ތެރެއިން އެކެއްގެ އާމްދަނީ ހުއްޓި، ކޮންމެ ދިހަ މީހެއްގެ ތެރެއިން ތިން މީހުންގެ މުސާރަ ކުޑަ ކުރި އެވެ. އަދި ކޮންމެ ދިހަ ވިޔަފާރިއެއްގެ ތެރެއިން ހަތަރު ވިޔަފާރިއެއްގެ މުޅި އާމްދަނީ ހުއްޓިގެން ގޮސްފައިވާއިރު، ކޮންމެ ދިހަ ވިޔަފާރިއަކުން ފަސް ވިޔަފާރިއަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެ ހީނަރުކަމުގެ އަސަރު މިވަނީ ކޮންމެ ގެއެއްގެ ބޮޑު ދޮރާށިން އެތެރެވެ، އާއިލާތަކާއި ވިޔަފާރިތަކަށްވެސް ކޮށްފައެވެ. ބައެއް ވިޔަފާރިތައް ބަނގުރޫޓުވެސް ވެފައި ވެއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި، ފަތުރުވެރިކަމުގެ އާ އުންމީދަކާއެކު ފަތުރުވެރިންނަށް ރާއްޖެ އަލުން މަރުހަބާކީއިރު، ޓޫރިޒަމް މިނިސްޓްރީގެ އަންދާޒާއަކީ، އަށް ލައްކަޔަށްވުރެ ގިނަ ފަތުރުވެރިން މިއަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެއުމެވެ. ކޮވިޑުގެ ހާލަތުގެ ކުރިން ރާއްޖެއަށް ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. އެހެންކަމުން ހާލަތު ރަނގަޅުނަމަ ރާއްޖެއަށް އެކަށީގެންވާ އަދަދަކަށް ފަތުރުވެރިން މިއަހަރުގެ ތެރޭގައި ގެނެވި މިއަހަރު ނިމެންވާއިރަށް ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅަށް ހިނގައިގަންނަން ފަށާނެއެވެ. ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނީ، މިއަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އާންމު ގޮތެއްގައިވެސް އާ އަހަރުގެ ބަންދާ ދިމާކޮށް ފަތުރުވެރިކަން ބޮޑުތަނުން ރަނގަޅު ވެއެވެ. އެގޮތުން އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ފަތުރުވެރިކަން އެވްރެޖުގޮތެއްގައި ރަނގަޅު ދުވަސްވަރެކެވެ. ރާއްޖެއަށް ފަތުރުވެރިން ގެންނަން ފެށިނަމަވެސް އެކަމުގެ މަންފާ ދައުލަތަށް ކުރާނީ އަންނަ އަހަރުން ފެށިގެންނެވެ. އެއީ ފަތުރުވެރިކަމުން ނަގާ ގިނަ ޓެކްސްތައް ސަރުކާރުން ފަސްކޮށްދީފައި ވާތީއެވެ.

ރާއްޖޭގެ ބޯޑަރު ހަތަރު މަހެއްހައި ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވައި އާ އުންމީދުތަކާއި ހުވަފެންތަކަކާއެކު އިގްތިސޯދީ ހަރަކާތްތައް ބާރަށް ފަށައިގަންނައިރު، އިގްތިސޯދު ހަމަޔަކަށް އެޅި ހަމަ ނޭވާއެއް ލުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ބުރަކޮށް މަސައްކަތް ކޮށްފިނަމަ ހައެއްކަ މަސްތެރޭގައި އިގްތިސޯދުގެ ބަގީޗާގައި އަލުން މާމެލާމެލި ފަރިވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.