ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހަކަށް އިތުރަށް އަނިޔާ ލިބޭ ގޮތަށް އެއްވެސް މީހެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ އިތުރުން ފުރައްސާރައާ ދެކޮޅަށް މިއަދު ފެށި ގައުމީ ކެމްޕޭން، "ގެވެށި ގުޅުން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހަކަށް އިތުރަށް އަނިޔާ ލިބޭ ގޮތަށް އަދި އެމީހުން އަލުން ވިކްޓިމައިޒްވާ ގޮތަށް އެއްވެސް މީހެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ
"އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ތިބިކަން އަޅުގަނޑުމެންގެ އަމަލާ ބަހުން ދައްކަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު، އަނިޔާ ލިބޭ އަންހެނުންގެ އަދަދު ގިނަވުމަކީ، މުޅި މުޖުތަމައަށްވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަހައްމަލު ކުރަން ޖެހިފައިވާ މީހެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި މައްސަލަ ހައްލުކުރުމުގައި އަޅުގަނޑުމެންގެ މުޅި ދައުލަތް، ޒަމާންތަކެއް ވަންދެން އޮތީ ނުކުޅެދިފައި. މިއީ، އަޅުގަނޑުމެން އެންމެންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ ބޮޑު މައްސަލައެއް. އަދި މިކަން ހައްލުނުކޮށް، އަޅުގަނޑުމެންނަށް މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް. އަދި ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށްވެސް ނެތް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ އިތުރުން ގޯނާގެ މައްސަލަތައް ރިޕޯޓުކުރުމަކީ އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އަނިޔާގެ މައްސަލަތަކަކީ، ދިވެހި މުޖުތަމައުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށް ވީހިނދު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށާއި އަނިޔާއަށް "ނޫނެކޭ" ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ހައްގެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ އަނެކާއަށް އޮތް ހައްގެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ، އަނެކާއަށް އޮތް ހައްގެއް ނޫން. އަދި އެފަދަ އަމަލެއް ހިންގާ އެއްވެސް މީހަކު، އިންސާފުގެ ކުރިމަތީގައި އިސްތިސްނާ ވެގެންނުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، ފަހުރުވެރި އާއިލާތަކެއް ބިނާކުރުމަށް ވީ ވައުދު ހަނދާނެއް ނުނެތޭ ކަމަށާއި ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިއްބައިދޭއިރު، އެ ހައްގު ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާކުރުމަކީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބު ކަމަށެވެ.
ޖެންޑާ މިނިސްޓްރީން އިސްނަގައިގެން މިއަދު ފެށި "ގެވެށި ގުޅުން" ކެމްޕޭނަކީ ތިން މަސް ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކެމްޕޭނެކެވެ. އެ ކެމްޕޭނުގެ އަމާޒަކީ ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ އިތުރުން ގޯނާގެ ވާހަކަތައް ދައްކާނެ ޕްލެޓްފޯމެއް ގާއިމުކޮށް، އެފަދަ މައްސަލަތަކެއް ހައްލެއް ހޯދައިދިނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު