ޚަބަރު

ދުންފަތާއި ރަލުގެ ބާވަތްތައް ފިޔަވައި އެހެން މުދަލުގެ ޑިއުޓީ 50 ޕަސެންޓް ކުޑަކުރަން ފާސްކޮށްފި

އިބްރާހިމް ޒަކީ

މާލޭ ސަރަަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން ދުންފަތުގެ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަނގުރަލާއި އޫރުމަހާއި އެތަކެއްޗާއި ގުޅުން ހުރި ތަކެތި ފިޔަވާ އެހެން މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން ކަނޑައަޅައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި މި ބިލް މިއަދު ފާސްކުރީ، މަޖިލީހުގެ ތަޅުމުގައި މިއަދު ހުށަހެޅި 15 އިސްލާހާއެކުގައެވެ.

އެގޮތުން ބަނދަރަށް ބާލާ ބުދަލުގެ 50 ޕަސެންޓް ޑިއުޓީ ކަނޑައިލެވޭ މުދަލަކީ، އެ މުދަލެއް ބާލާ ބަނދަރު ސަރަހައްދުގައި އެ މުދާ ގުދަން ކޮށް ލޯކަލް ބަނދަރުން ބޭރު ކުރެވޭ މުދަލަށް ވާން ޖެހޭނެކަމަށް ބިލުގައި ވަނީ ޝަރުތު ކޮށްފައެވެ. އަދި އެފަދަ މުދަލުން ޑިއުޓީ ކުޑަކުރުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުން ކުރުމުން ދުރުހެލި ކުރުމަށް، އާއްމުން ހޭލުންތެރި ކުުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިން ޕަސެންޓް، ޕަބްލިކް ހެލްތު ފަންޑަށް ޖަމާކުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.

ސްޓޭޝަނަރީންނާއި، އުކައިލެވޭ ކާބޯތަކެތި ރައްކާތެރިކަމާއެކު ނައްތައިލުމަށާއި ކާޑު ތައްޔާރުކުރަން ބޭނުންކުރާ ތަކެއްޗާއި، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ސިންގަލްޔޫސް ޕްލާސްޓިކު ނުވަތަ ޑިސްޕޯސަބަލް ފިލްމާއި ޓިއުބްރޯލުން ޑިއުޓީ ކަނޑައިލުމަށް ވެސް ބިލުގައި ވަނި ހިމަނައިފައެވެ. މީގެ އިތުރުން ބޭނުން ކޮށްފައި ހުންނަ ކާރު ޖީޕް ވޭނުން ނަގަމުން އަންނަ 150 ފަސެންޓް ޑިއުޓީ 100 ޕަސެންޓަށް ދަށް ކުރުރުމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.

ނަމަވެސް އެނާޖީ ޑްރިންކްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ލީޓަރަކުން 60 ރުފިޔާ ނެގުމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.