ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7،000 ފްލެޓް ލިބޭނެ ފަރާތްތައް ލިބޭނެ މީހުންގެ ލިސްޓު މިމަސް ނިމޭއިރު އިއުލާން ކުރަން ފެށޭނެ ކަމަށާއި، އެލިސްޓް ނެރޭއިރު، އެ ފްލެޓްތައް ލިބުނު ކަމަށް ކުރީ ސަރުކާރުން އިއުލާން ކުރި ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އޮޅުން ފިލުވައި ފްލެޓް ދިނުމުގެ ކަންތައްތައް ބެލުމަށް މިސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފްލެޓް ފޯމްތަކުގެ މަސައްކަތްތާބެހޭ މައުލޫމާތު ދެއްވަމުން އެ ކޮމިޓީގެ މެންބަރުން މިއަދު ވިދާޅުވީ، އެ ކޮމިޓީން ފޯމްތަކުގެ މަސައްކަތް ފެށީ މުޅިން އަލުން ބަލުން ކުރަންފަށާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ކުރިން ނެރެފައިވާ ލިސްޓަށް ރިއާޔަތް ކުރި ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރުން ވިދާޅުވީ، ކޮމިޓީން އެ މަސައްކަތާ ހަވާލުވިއިރު، މާކްސް ދީފައިވަނީ، ދިރިއުޅުމުގެ ހާލަރު ބެލުމަށް ގޭގެއަށް ޒިޔާރަތް ނުކޮށް، ފޯމުތަކާއެކު ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކަށް ބަލައިގެން ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓާއި 40 ޕޮއިންޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާއިރު، އެ ބަޔަށް ޕޮއިންޓްދޭނެ މިންގަނޑެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޓީން މަސައްކަތް ފެށީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދޭނެ މިންގަނޑެއް ކަނޑައަޅައި، ކޮންމެ ފޯމަކާ ބެހޭގޮތުންވެސް ދިރިއުޅުމުގެ ހާލަތު ބެލުމަށް ޒިޔާރަތް ކުރާގޮތަށް ނިންމައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަނޑައެޅުގައިވެސް މިންގަނޑެއް ނެތް ކަމަށާއި، އެފަދަ ފަރާތްތަކުގެ މައުލޫމާތުވެސް ހުރީ އެކި ފަރާތްތަކުން ހުށަހަޅާފައިކަމަށް ކޮމިޓީ މެންބަރުން ވިދާޅުވިއެވެ.
އެމެންބަރުން ވިދާޅުވީ، އެހެންކަމުން އެގޮތުން ބައެއް ފަރާތްތަކުން ހޮސްޕިތަލުތަކުން، އަނެއްބައި ފަތާތަކުން އެންސްޕާއިން އަދި އެހެން ފަރާތްފަރާތުންވެސް އެފަދަލިއުން ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް މިހާރު އެފަދަ ފަރާތްތަކުގެ ހާލަތު ބަލަމުން ގެންދަނީ، ފިޒިކަލީ އެފަރާތްތަކަށް ޒިޔާރަތްކޮށްގެން، އަމިއްލަ ހާލަތަށް ނޫޅެވޭ ފަރާތްތަކަށް އިސްކަންދީގެން ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރުން ވިދާޅުވީ، ކޮމިޓީގެ މަަސައްކަތް ކުރިއަށް ގެންދަނީ، ފްލެޓް ލިބުނުކަމަށް ކުރީގެ ސަރުކާރުން ބައެއް ފަރާތްތަކަށް ދީފައިވާ ލިއުމަށް ބަލައިގެންވެސް ނޫން ކަމަށެވެ.
އެހެންކަމުން އޭރު ނެރުނު ލިސްޓަށް ބަދަލުތަކެއް އަންނާނެ ކަަމަށް މެންބަރުން ވިދާޅުވިއެވެ.
އެބޭފުޅުން ވިދާޅުވީ، އެތަނުގައި ހިމެނެނީ 7،000 ފުލެޓް ކަމަށް ބުނި ނަމަވެސް ގުޅީފަޅުން ފްލެޓް ނުލިބުނު މީހުންނަށް 140 ފުލެޓާއި ގާކޮށިން ފުލެޓް ނުލިބުނު ފަރާތްތަކަށް 160 ފުލެޓް އެތަނުން ހާއްސަ ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެތަނުގައި ހުރީ 6720 ފުލެޓްކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޓީ މެންބަރުން ވިދާޅުވީ، ފިޒިކަލް ވެރިފިކޭޝަންތައް ނިމި ލިސްޓުތައް ނިމޭވަރަކުން މިމަސް ނިމޭއިރު ފުލެޓްތައް ލިބޭ ފަރާތްތައް އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތަށް ގޮސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުލެޓް ލިބޭނެ އެންމެންގެ ނަންތައް އިއުލާން ކޮށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު