ހިޔާ ފުލެޓްތަކުގައި މިހާރު ދިރިއުޅެމުންދާ އާއިލާތަކަށް، އެއަށްވުރެ ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހިޔާ ޓަވަރުތަކުގެ އާ ލިފްޓުތައް އިފުތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކަކީ ވަރަށް ދަތި ހާލުގައި އުޅެމުންދާ ފަރާތްތަކެއް ކަމަށެވެ. ހާއްސަކޮށް، ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ އާއިލާތައް ބޮޑުވެ، ކުދިން ގިނަވުމުގެ ސަބަބުން މިހާރު ހުރި ތަންތަން ދަތިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ބައްޓަންކުރަން ޖެހެނީ ހަމައެކަނި އަލަށް ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެކަން ފޯރުކޮށްދިނުމަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މިހާރު ފުލެޓްތަކުގައި ތިބި މީހުންނަށްވެސް އެމީހުންގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ފަދަ "ވަށާޖެހޭ ހައްލެއް" ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭނެ ކަމެއްކަމަށް މުއްތަލިބު ވިދާޅުވިއެވެ.

"މި ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދީ، އެއަށް ވުރެ ތަނަވަސް ދިރިއުޅުމެއްގެ ފުރުސަތު ހޯދައިދެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ،" މުއްތަލިބު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ތަފުސީލުތައް ފަހުން ހާމަކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން އެ ސަރަހައްދުގެ "އޯޕަން ސްޕޭސް" ނުވަތަ ހުސް ބިންތަކުން ގޯތި ދީފައިވުމުގެ ސަބަބުން، އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ބިން މިހާރު މަދުވެފައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ. ނަމަވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން ދިރިއުޅޭ އެ ބޮޑު އާބާދީއަށް ބޭނުންވާ އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.