ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހޯމް ކަރަންޓީނުގައި ހުންނަވަން އެންގި ކަމަށް ދެކެވޭ ވާހަކަތައް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ދޮގުކުރައްވައިފިއެވެ.

ޕީޖީ ޝަމީމް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގެ ބައިވެރިޔަކު ވަނީ މިފަހުން ކޮވިޑަށް ޕޮޒިޓްވެފައެވެ. އެކަމާ ގުޅިގެން މިއަދު މީސް މީޑިއާގައި ވަނީ ޕީޖީ ޝަމީން ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށާއި މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ޝަމީމް ބާއްވައިފައިވަނީ ހޯމް ކަރަންޓީންގެ އަމުރާ ހިލާފަށް ކަމަށް ބުނެ ވާހަކަތަކެއް ފެތުރިފައެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ޕީޖީ ޝަމީމަށް ހޯމް ކަރަންޓީންގައި ހުރުމަށް އަންގާފައި ނުވާ ކަމަށެވެ.

"ޕީޖީ ހުންނެވީ އަޅުގަނޑުމެން އަންގަވައިގެން ކަރަންޓީނަކު ނޫން. އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު އެބޭފުޅާ އެއްވެސް ޕޮޒިޓިވްވީހަކާ ކޮންޓެކްޓްގެ ޑެފިނިޝަނަށް ފިޓްވާ ގޮތަށް ކޮންޓެކްޓްވެފައެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްޓެލްކޯގެ ސެމިނާ ހޯލްގައި ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ބައިވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު ދީދީއާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕީޖީ ހުސައިން ޝަމީމްގެ އިތުރުންވެސް ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.