ޖުލައި މަހުގެ މުސާރައާއެކު ފްރަންޓްލައިން އެލަވަންސް ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީތަކުން މައުލޫތުތައް ފޯރުކޮށްދީފައިވާ ފްރަންޓްލައިން މުވައްޒަފުންނަށް ޖުލައި މަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށެވެ.
"ކުރިން ވެސް އަޅުގަނޑު ދަންނަވާލާފައިވާނެ މިނިސްޓްރީތަކުން އެބޭފުޅުންގެ މައުލޫމާތު ވަކި ޕޯޓަލްއެއް މެދުވެރިކޮށް އެ މައުލޫމާތުތައް އެންޓާކުރަން އަންގާފައިވާ ކަމަށް. އެގޮތަށް އެންޓާކޮށް ނިމިފައިވާ ނަމަ، ޖުލައި މަހުގެ މުސާރައާ އެއްކޮށް އެބޭފުޅުންނަށް އެ އެލަވަންސް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ." އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެފައިވަނީ ފްރަންޓްލައިން މުވައްޒަފުންގެ އެލަވަންސް ދޭނީ މާޗު މަހުން ފެށިގެން ކަމަށެވެ. ނަމަވެސް މިދިޔަ މަހު ދޭން ފަށާނެ ކަމަށް މަބްރޫކު ވިދާޅުވި އެލަވަންސް ނުލިބޭތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން ހާއްސަ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެލަވެންސް ދިނުމަށް ކަނޑައަޅާފައިވާ ފުރަތަމަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނެވެ. އެއީ ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި މި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި ލެބް ޓެކްނީޝަނުންނާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި/ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.
ދެވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީޑިއަމް ރިސްކު މީހުންނެވެ. އެއީ ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭން ނުޖެހޭ ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާ ލިބޭނެއެވެ.
ތިންވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ލޯ ރިސްކު މީހުންނެވެ. އެއީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޮވިޑް 19ގެ ކަންތައް ވިލަރެސް ކުރަމުން ގެންދާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާއެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ކޮވިޑް 19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެސް ސިޔާސީ މަސައްކަތްކުރާ މީހުންނާއި ހައި ރިސްކު ކެޓަރީގައި ހިމެނޭ ފަރާތްތައް ފިޔަވައި ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަށްވުރެ މަތިން މުސާރަ އާއި އެލަވެންސް ލިބޭ މީހުން އަދި އެމީހަކު ވަޒީފާ އަދާކުރާ ކުންފުންޏަކުން ކޮވިޑް 19އާ ގުޅިގެން އިތުރު އެލަވެންސެއް ދޭ މީހުންނަށް ފަރަންޓްލައިން އެލަވަންސެއް ނުލިބޭނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު