ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފުރުން މަނާކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކުރުމުން އަދީބު ވަނީ މިނިވަންވެފައެވެ.
ފުލުހުން ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޖިނާއީ ކުށްތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި އުފުލިފައިވާ ދައުވާތައް މިއަދު ބާތިލުކުރުމުން އެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށްޓަކައި އެ މައްސަލައިގައި ހިމެނޭ އަދީބުގެ މައްޗަށް ފުރުން މަނާ އަމުރެެއް ނެރެދިނުމަށް ފުލުހުން އެދުމާ ގުޅިގެން ކްރިމަނަލް ކޯޓުން ވަނީ އެ މައްސަލަތަކާ ގުޅިގެން އަދީބު ރާއްޖެއިން ފުރުން މަނާކޮށް އަމުރެއް މިރޭ ނެރެދީފައި ކަމަށެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަދީބު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމަށް ހައިކޯޓުގައި އެދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"ބޯޑަރު އޮތީ ބަންދުކޮށްފައި. އެހެންނަމަވެސް ފުލުހުންނަށް ދަންނަވާފައިވާނެ ފުރުން މަނާކުރުމުގެ އަމުރެއް، އަޅުގަނޑުމެން މިއަދު އެޕީލް އެބަކުރަން. އެ ޕްރޮސެސް އެބަ ހިނގާ. އެވާގޮތަކީ އަދީބަކީ ފިލާފަ ހުރި މީހެއް. އެކަމުގެ ކުށުގެ ރެކޯޑެއް ވެސް އެބައޮތް. ހައިކޯޓުން ދާދި ފަހުން ނިންމެވި ގަޒިއްޔާއެއްގައި ކޯޓުން އަމިއްލަފުޅަށް ނިންމަވާފަ އޮވޭ ފިލާނެ މީހެއް ކަމަށްވަންޔާ ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ. އެހެންވީމަ އެ މައުޟޫ ވަރަށް ސާފު." ޕީޖީ ޝަމީމު ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު