ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެކުގައި ދައުލަތުން އެއްވެސް އިއުތިރާފު އެއްބަސްވުމެއް ނުހަދައި ވެސް 150 ދައުވާ ކުރެވޭ ވަރަށް ލިޔުން އެބަހުރި ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކުރުމުން އަދީބު ވަނީ މިނިވަންވެފައެވެ.

މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެގޮތަށް ކަނޑައެޅުއްވީ އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލާގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމެވެ. ނަމަވެސް އެ ނިންމުންތައް ނިންމެވީ އިބްތިދާއީ މަރުހަލާގައެވެ. އަދި އޭރު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔުންތައް ވެސް ހުށަހަޅާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ، އަދީބާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅި ނަމަވެސް ގާނޫނުގައި ބުނާގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ފުރުސަތު ދޭންޖެހޭ ކަމަށާއި މައްސަލަ ސާބިތު ކުރެވޭ ވަރަށް ދައުލަތުގެ އަތުގައި ކިތާބީ ހެކި އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން އަތުގައި އަހުމަދު އަދީބާ ބެހޭގޮތުން 150 އެއްހާ ދައުވާ ކުރެވޭ ވަރަށް ލިޔުން އެބަހުރި. ދެން އެ ހުރިހާ މައްސަލަތަކެއްގެ ހުކުމަށް އަޅުގަނޑަށް ލިބޭ މައުލޫމާތަކީ ގާތްގަނޑަކަށް 806 އަހަރުގެ ހުކުމެއްގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެން އެގޮތަށް ކުރިއަށްދާން މިތިބީ،" ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި އަދީބަކީ މީގެ ކުރިން ވެސް ފިލާފައިވާ މީހަކަށްވާތީ، އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް އެދެން ޕީޖީން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.