ކޮވިޑް 19 ފަދަ ކަމެއް ދިމާވެގެން، އިއުލާންކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

އާންމު ސިއްހަތުގެ ގާނޫނަށް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި މި އިސްލާހުގެ ބިލް މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު ބަލައިގަތުމުން ބިލު އިތުރަށް ދިރާސާ ކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެ ބިލު ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ ބިލު ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށާއި ބިލުގައި އިޖުތިމާއީ މައްސަލައެއް ފާހަގަ ވެފައި ނުވާ ކަމަށެވެ. އެ ބިލު ހުށަހަޅާފައިވަނީ ގާނޫނީ މައްސަލައެއް ހައްލު ކުރަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބިލުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވާއިރު، އެ ގަރާރަށް ބަދަލު ގެނައުމުގެ ބާރުވެސް މަޖިލީހަށް ދީފައި ވެއެވެ.

އެގޮތުން އެ ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުމުގެ ގަރާރާއި، ގަރާރު ބާތިލުކުރުމާއި، މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުން ހިމެނެއެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުުނެފައި ވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަސް ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުުނެފައި ވެއެވެ.

މިހާރު ގާނޫނުގައި އޮންނަގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާން މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެއެވެ.