ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ހިންގައިފި ނަމަ 25،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހާއި ތިން މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ދެވޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޮނުވި މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބިލުގައި ވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް އެކުލެވިގެންވާ ގޮތާއި، ކޯޓުތަކުގެ އިހުތިސާސް ކަނޑައެޅިގެންވާ ގޮތާއި، ކޯޓުތަކުގެ އިސް މަގާމުތައް ހަމަޖެހިގެންވާގޮތާއި، އެ މަގާމުތަކުގެ މަަސްއޫލިއްޔަތުތަކާއި، ކޯޓުތަކުގެ އިދާރީ ހިންގުމާއި، މާލީ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ. އެނޫންވެސް ކޯޓުތަކާބެހޭ ކަންކަން ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުންވެސް މި ބިލުގެ ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ޝަރީއަތުގެ މަޖިލިސް ތެރެ އާއި ކޯޓު ތެރޭގަ އާއި މަޖިލީހުން ބޭރުގައި ވެސް ހުރުމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބެލެވޭނެ ހާލަތްތައް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ގާނޫނުގައި މިހާރު އޮންނަނީ، ކޯޓުގެ ހުރުމަތް ކެނޑުމާއި، ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރިވާ މީހުންނާއި ކޯޓުގެ ނިޒާމާ ހިލާފުވާ މީހުންގެ އަދަބަކީ ގިނަވެގެން 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގިނަވެގެން ތިން މަސް ދުވަހަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމަށެވެ.

ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ވަކިވަކި އަމަލުތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އިސްތިސްނާވާނެ ހާލަތްތައް މިހާރު އޮތް ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވާފައިވާ ބިލުގައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ދެ ބަޔަކަށް ބަހާލައި، އެކަންތައްތައް ވަނީ ތަފްސީލުކޮށްފައެވެ.

އެގޮތުން މި ބިލުގައި ޝަރީއަތުގެ މަޖިލީހުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭ އަމަލުތައް:

    • ފަނޑިޔާރަކަށް، ކޯޓުގެ މުވައްޒަފަކަށް ނުވަތަ ޝަރީއަތަށް ހާޒިރުވެ ހުރި މީހަކަށް މަލާމާތްކޮށް، ފުރައްސާރަކޮށް ނުވަތަ ބަދުބަސް ބުނުން.
    • ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރެކޯޑުކުރުން ނުވަތަ އެފަދަ ވަސީލަތެއް ބޭނުންކުރުން.
    • ޝަރީއަތުގެ މަޖިލީހުގެ ނިޒާމު ގެއްލޭ ފަދަ ގޮތަކަށް އަޑުގަދަކޮށް ހަމަނުޖެހުން ހިންގުން.
    • މަގުބޫލު އުޒުރެއް ނެތި، ޝަރީއަތަށް ހާޒިރުވެ ހެކިބަސް ނުވަތަ މައުލޫމާތު ދިނުމަށް އިންކާރުކުރުން.
    • ފަނޑިޔާރެއްގެ ނުވަތަ ކޯޓުގެ މުވައްޒަފެއްގެ ގަޔަށް ނުރުހުމުގައި އަތްލުން، އަނިޔާއެއް ދިނުން ނުވަތަ ކޯޓުގެ މުދަލަކަށް ގެއްލުން ދިނުން.

މަޖިލީހުން ބޭރުގައި ހުރުމަތް ކެނޑުން ކަމަށް ބިލުގައި ކަނޑައަޅާފައިވާ އަމަލުތައް:

    • ކޯޓަކުން ނެރެފައިވާ އަމުރަކަށް ނުވަތަ ހުކުމަކަށް ގަސްދުގައި ނުކިޔަމަންތެރިވުން.
    • ފަނޑިޔާރަކަށް، ކޯޓުގެ މުވައްޒަފަކަށް ނުވަތަ ހެކިވެރިއަކަށް ބިރުދައްކައިގެން ނުވަތަ ރިޝްވަތު ދީގެން ޝަރީއަތަށް ހުރަސްއެޅުން.
    • ހިނގަމުންދާ ޝަރީއަތެއްގެ އަދުލުވެރިކަމަށް ހުރަސްއެޅޭ ގޮތަށް، ނުވަތަ ފަނޑިޔާރަކާ މެދު އާންމުންގެ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް އާންމުކޮށް ދެއްކުން ނުވަތަ ޝާއިއުކުރުން.
    • ހުއްދަ ނެތި ނަގާފައިވާ ޝަރީއަތުގެ މަޖިލީހެއްގެ އަޑު ނުވަތަ ފޮޓޯ އާންމުކޮށް ފެތުރުން.