ހައިކޯޓުގައި މިހާރު ތިއްބަވާ 11 ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބިލުގައި ވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް އެކުލެވިގެންވާ ގޮތާއި، ކޯޓުތަކުގެ އިހުތިސާސް ކަނޑައެޅިގެންވާ ގޮތާއި، ކޯޓުތަކުގެ އިސް މަގާމުތައް ހަމަޖެހިގެންވާގޮތާއި، އެ މަގާމުތަކުގެ މަަސްއޫލިއްޔަތުތަކާއި، ކޯޓުތަކުގެ އިދާރީ ހިންގުމާއި، މާލީ ހިންގުން ހަރުދަނާކުރުން ކަމަށެވެ. އެނޫންވެސް ކޯޓުތަކާބެހޭ ކަންކަން ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުންވެސް މި ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ގާނޫނުގައި މިހާރު އޮންނަނީ، ހައި ކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
ނަމަވެސް ގާނޫނަށް އިސްލާހު ގެންނަން ފޮނުވި މި ބިލުގައި، އިސްފަނޑިޔާރާއެކު ޖުމްލަ 15 ފަނޑިޔާރުންނަށް އެ އަދަދު އިތުރުކުރަން ވަނީ ހިމަނައިފައެވެ.
އެގޮތުން ބިލުގައިވަގޮތުން މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، ކޯޓަށް އިތުރުކުރާ ހަތަރު ފަނޑިޔާރުން އައްޔަންކޮށް ނިންމަން ޖެހޭނެއެވެ.
ޝަރުއީ ދާއިރާގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއި ކޯޓުތައް ހިންގުމުގެ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމަށް "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ވަކި ކައުންސިލެއް ގާއިމުކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.
އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ އިތުރުން މެޖިސްޓްރޭޓުން ވަނީ ހިމަނައިފައެވެ.
ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ މަދުވެގެން ދެ ޕަސެންޓް ޝަރުއީ ދާއިރާގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅައި ދޫކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ޝަހުސެއްގެ ކަމަށް ކަނޑައަޅަން ބިލުގައި ހިމަނާފައިވާ އިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރުމާއި ވަކިކުރުމުގެ އުސޫލުތައް ވެސް ތަފުސީލުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޖުޑީޝަލް ދާއިރާތަކުގައި ރަޖިސްޓްރާއިންނާއި އެސިސްޓެންޓް ރަޖިސްޓްރާއިން އައްޔަންކުރުމާއި އެ ބޭފުޅުން އުއްތަމަ ފަނޑިޔާރަށް ނުވަތަ އިސްގާޒީއަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.
މި ބިލުގައިވާގޮތުން މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި އެ ރަށެއްގައި ގާއިމުވެ ހުންނަ ފަނޑިޔާރަކު ހުންނަންވާނެއެވެ.
ފަނޑިޔާރަކު ނެތް ރަށްރަށަށް ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަންކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގއިވާގޮތުން މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލައި، އެ ކޯޓުގެ މަސައްކަތްތަކާއި މުވައްޒަފުން ޑީޖޭއޭގެ ދަށަށް ބަދަލުކުރުމަށް ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް