އަންހެންމީހާ، އައުރަ ނިވާވުމުން ޖިންސީ އަނިޔާ ނުހިނގާނެ ކަމަށް، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ދައްކަވާފައިވާ ވާހަކައަކީ، މުޑުދާރު ވާހަކައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، މީގެ ދެދުވަހެއް ކުރިން އަންހެންމީހާ އައުރަ ނިވާވީމާ ޖިންސީ އަނިޔާއެއް ނުހިނގާނޭ ކަމަށް ޑރ. އިޔާޒް ލިޔުއްވައި ޓުވީޓެއް ކުރައްވާފައިވާ ކަމަށެވެ. އެއީ މުޑުދާރު ވާހަކައެއް ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ފާހިޝް އަމަލު ކުރުމަށް މަގުފަހިވާ ދޮރުތައް ބަންދު ކުރަންވީކަމަށް ޑރ. އިޔާޒު ވިދާޅުވެ، އެ ދޮރުތައް ބަންދުކުރަން ކުރަން ޖެހޭ ކަމަކީ އަންހެންމީހާ ލާ ހެދުން ބަދަލު ކުރުން ކަމަށް ބުނުމަކީ މުޑުދާރު ވާހަކައެއް ކަމަށެވެ.

ޑރ. އިޔާޒުގެ އެފަދަ ވާހަކަތަކުން އަސްލު ދީނީ އިލްމުވެރިންނަށް ހުުތުރުވާ ކަމަށާއި، ތަކުރާރުކޮށް އެފަދަ ވާހަކަ ދައްކަވާނަމަ މަޖިލީހުގެ މައިކު ލިބިވަޑައިގަންނަވާހާ ދުވަހަކު އިޔާޒާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ، އިސްލާމް ދީނަކީ، އަންހެނުންނަށް އިހުތިރާމްކޮށް އަންހެނުން ބާރުވެރިކޮށް، މުދާވެރިކޮށް، އޯގާތެރިކަމާއެކު އަންހެނުންނަށް އަޅައިލުމަށް ގޮވާލާ ދީނެއް ކަމަށެވެ. އަންހެނުންގެ ހިމާޔަތުގައި އޮތް ދީން ޑރ. އިޔާޒު ބޭނުންކުރަނީ އުއްމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރަން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"ޑރ. މުހައްމަދު އިޔާޒު ޓުވިޓާ ހެންޑްލްގައި ޖަހާލައިގެން އަމިއްލަޔަށް ޝެއިހުން ކިޔާލައިގެން މިއުޅޭ މީހުން މިފާޑަށް މިވާހަކަ މިދައްކަނީ، އެއީ ހަގީގީ މިއޮތް ރިވެތި އިސްލާމްދީން އަސްލު ދަންނަ ބޭކަލުންނަށް މިހާރު ހުތުރު އެއަރުވަން، މިމާތް އިސްލާމްދީނަށް ހުތުރު، މި ދީނަކީ އަންހެނުންނަށް އިހުތިރާމް ކޮށް އަންހެނުން ބާރުވެރިކޮށް މުދާވެރިކޮށް އޯގާތެރިކަމާއެކު އަންހެނުންނަށް އަޅައިލަން ގޮވާލާ ދީން، އަންހެނުންގެ ހިމާޔަތުގައި އޮތް ދީން، އެ ދީން ބޭނުން ކުރަނީ އުއްމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރަން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ޖިންސީ ކުށެއްގެ ޝިކާރައަކަށް ވާ މީހާއަށް އަނިޔާ ލިބެނީ އޭނާކުރާ ކުށަކުން ނޫން ކަމަށެވެ. އެއީ އޭނާ ލައިގެން ހުރި ހެދުމަކުން، ވީގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ޖިންސީ ޝިކާރައަކަށް ވާ މީހާގެ ބޮލުގަ ނާޅުވާށޭ އޭނާއާ ދިމާލަށް ނުބުނާށޭ ކަލޭ ލައިގެން ހުރި ހެދުމަކުން، ކަލޭ ދިޔަ ތަނަކުން، ކަލެޔަށް ވީގޮތެކޭ މީ، އެމޭރުމުން އެވާހަކަ ދެއްކުމަކީ، ރަށު ތެރޭގައި، ގައުމުތެރޭގައި ޖިންސީ ކުށުގެ އަނިޔާ އިތުރު ކުރުމަށް ޖިންސީ އަނިޔާއަށް ކަނޑައެޅިގެން ހިތްވަރު ދިނުން،" އީވާ ވިދާޅުވިއެވެ.

ހަމަހުގެ ކުއްޖާ ރޭޕް ކޮށްލީ ކޮން އެއްޗެއް ލައިގެން ތޯ އާއި ބައްޕަ އައިސް އަމިއްލަ ދަރިފުޅު ރޭޕްކުރަނީ ކޮން އެއްޗެއް ލައިގެން ތޯ ވެސް އީވާ ވަނީ ސުވާލު ކުރައްވައިފައެވެ.