ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަން މަޖިލިސްއަށް ހާޒިރުނުވެ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މެންބަރުން ކުރަންޖެހޭ ކެމްޕޭނެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ދެފަހަރު ބާއްވަން އުޅެގެންވެސް ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުމާއި މަޖިލިސް ގަވާއިދުގައިވާގޮތަށް ހަފުތާއަކު ތިން ދުވަހު މަޖިލިސް ޖަލްސާތައް ބާއްވަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އީވާ ވިދާޅުވީ، މުޅި ދައުލަތަށް ފާރަވެރިވުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އައި ގާނޫނުތައް ހެދުމާއި ފާރަވެރިވުމަކީ މަޖިލީހުގެ މެންބަރުންގެ މައްޗަށް އޮތް ވާޖިބެއް ކަަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް އޮތްކަން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ވަގުތު ހޯދުމުގެ ގޮތުން މަޖިލިސް ޖަލްސާތައް ނުބޭއްވުމަކީ ވަަރަށްބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލީހުގެ އެޖެންޑާގައި މިހާރުވެސް ބޯހިޔާވަހިކަމުގެ މައްސަލައެއް އެބައޮތް، ދައުލަތުގެ ދަރަންޏާބެހޭ ކަންކަން އެބަހުރި، ދައުލަތުގެ ހަރަދާބެހޭ ކަންކަން އެބަހުރި، ބިމުގެ ގާނޫނާބެހޭ ކަންކަން އެބަހުރި، ގާނޫނުއަސާސީއަށް އިސްލާހު އެބަހުރި، ސޮވްރިން ފަންޑާބެހޭ މައްސަލަ އެބަހުރި، ސަރުކާރުން ހުށަހަޅާފައިވާ އެތައްބިލެއް އެބައޮތް، މާނައަކީ އެ ބިލްތަކުގެ މަސައްކަތްކުރެވި ގާނުނަކަށް ނުވަންޏާ ސަރުކާރުގެ މަސައްކަތްވެސް ފުރިހަމައެއް ނުވާނެއޭ،"

އީވާ ވިދާޅުވީ، މަޖިލިސް މެންބަރުނަށް މުސާރަދެނީ މަޖިލީހުގެ މަސައްކަތްތައް ކުރުމަށް ކަމަށާއި އެއީ ގާނޫނު ހެދުމާއި ފާރަވެރިވުމާއި ކޮމިޓީތަކުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ދެވަނަ ދައުރަށް ހޮވުމަށް ކެމްޕެއިން ކުރަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މިހާރު އޮތް 19 ވަނަ މަޖިލީހުގެ ދައުރުނިމެން ބާކީ އޮތީ އެންމެ ދެމަސް ދުވަސް ކަމަށްވާ އިރު، ކުރަންޖެހޭ މުހިއްމު ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެމްޕޭން ކުރުމަށްޓަކައި މަޖިލިސް ޖަލްސާތައް ނުބޭއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ވާހަތައް އާއްމު ކުރަންޖެހުނީ، މިހާރު މަޖިލިސް ގަވާއިދުގައި އޮންނަ ގޮތަށް ހަފުތާއަކު ތިންދުވަހު މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މަޖިލީހުގެ ރިޔާސަތުގެ އިތުރުން އެހެން ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު ކުރިއެރުން ނުލިބިގެން ކަމަށެވެ.

މަޖިލިސް އިދާރާއިން ބުނީ މަޖިލިސް ގަވާއިދުގައި އޮންނަ ގޮތަށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު ޖަލްސާ ބާއްވަމުން އައިގޮތަށް ބަދަލު ގެނެސް ޖަލްސާއެއް ބާއްވަން ބޭނުންވެއްޖެ ހިނދެއްގައި ޖަލްސާ ބާއްވާގޮތަށް، މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަން ނިންމެވީ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ނަމަވެސް ދަ ޑިމޮކްރެޓްސް ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެއީ އޭނާއަށް އެނގިފަ އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް މަޖިލިސް ކެމްޕެއިންގައި މަސައްކަތް ކުރަން ޖެހޭތީ މަޖިލީހުގެ މަސައްކަތް މެދުކަނޑައިލުމާ ބެހޭގޮތުން އެމްޑީޕީ އާއި ޕީއެސްސީގެ ޕީޖީ ލީޑަރުން ފޮނުއްވާފައިވާ ސިޓީއެއް ފެނިވަޑައިގަތް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެންބަރުންގެ މަަސައްކަތްތައް ތަރުތީބުވެފައި އޮންނަ ގޮތަކީ، މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާނުކޮށް ކެމްޕޭން ކުރާގޮތަށް ނޫން ކަމަށެވެ.

މިއަދު ބާއްވަން އޮތް މަޖިލިސް ޖަލްސާވެސް ކޯރަމް ހަމަނުވެގެން ވަނީ ބޭއްވޭގޮތް ނުވެފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މިއަދުގެ ޖަލްސާއަށްވެސް އެ ޕާޓީގެ ހުރިހާ މަޖިލިސް މެންބަރުން ހާޒިރުވެ ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއީ 10 މެންބަރުން ކަމުން މަޖިލީހުގެ ކޯރަމް އެ ބެފުޅުންނަށް ހަމަ ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލިސް ޖަލްސާ ބާއްވާ ކޮންމެ ދުވަހަކުވެސް އެ ޕާޓީގެ މެންބަރުން ހާޒިރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ލަތީފް ވަނީ މަޖިލިސް ގަވާއިދާ އެއްގޮތަށް ޖަލްސާ ބާއްވަމުން ނުދާ މައްސަލައިގައި މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ.