ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވަން ނިންމައިފިއެވެ.
މަޖިލީހަށް އާ ނާއިބު ރައީސެއް އިންތިހާބު ކުރަން ނިންމާފައި މިވަނީ، މިއަދާއި ހަމަޔަށް އެ މަގާމުގައި ހުންނެވި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީވާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގެންނެވުމަށް ވާހަކަ ދައްކަވަމުންނެވެ.
އިވާ ވަނީ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީ އާއި ގާނޫނުތަކާ އޭނާ ހިލާފުވެފައިވާ ކަމަށް އެމްޑީޕީން ކުރި ތުހުމަތުތަކަށް ދެކޮޅު ހައްދަވައިފައެވެ.
އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރުމުގައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ގާނޫނަކާވެސް ހިލާފުވެވަޑައިގެންފައި ނުވާނެ ކަމަށެވެ. މީގެ ކުރިން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މައްޗަން ގޯޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމާވެސް ހިލާފުވެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގެނަނަވަން ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވައި ނިންމަވައިލައްވަމުން އީވާ ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށާއި، ކުޑަ އިރުކޮޅެއްގެ ތެރޭގައި އިސްތިއުފާގެ ސީޓީ މަޖިލިސް ރައީސަށް ލިބޭނެ ކަމަށެވެ.
އެ ސިޓީ ލިބުމާއެކު މިއަދުން ފެށިގެން އީވާ މަގާމުން އިސްތިއުވާ ދެއްވިކަން މަޖިލިސް ރައީސް އަސްލަމް މަޖިލީހަށް އިއުލާން ކުރެއްވިއެވެ. އެ މައްސަލައަށް އިތުރަށް ބަހުސް ކުރުމުގެ ޖާގަ މަޖިލިސް ގަވާއިދު ނުދޭކަމަށް ވިދާޅުވެ އެ މައްސަލައިގެ ބަހުސް ކުރިއަށް ނުގެންދާ ގޮތަށްވެސް ނިންމެވިއެވެ.
އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް ނާއިބު ރައީސަކު އިންތިހާބު ކުރުމަށް މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވަވާނެ ކަމަށެވެ. އަދި އެ ޖަލްސާ އޮންނާނީ މިރޭ 8:30 ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު