"ވީ ނީޑް އަވާ ސެލެރީ, ވީ ނީޑް އަވާ ޓިކެޓް،" މިއީ އިއްޔެ ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ، އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ލޭބަ ކްއާޓަރުގައި އުޅޭ ބިދޭސީން އަމިއްލަ ގައުމަށް ފައިސާ ނުފޮނުވި، ގައުމަށް ނުދެވި، ކުރި މުޒާހަރާގެ ތެރެއިން އެމީހުން ފާޅުކުރި ޝުއޫރުތަކެވެ. އެތައް މަހެއް ވަންދެން "ގުލާނު" ކޮށްގެން މަސައްކަތް ކުރި ބިދޭސީންތަކެއްގެ މުސާރަ ނުލިބި ކެތްތެރިކަން ކޮޅުލައިގެން ދިއުމުގެ ނަތީޖާ އެދުވަހު ވަރަށްވެސް ހިއްޗެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދީގެން މުޒާހަރާތަކަށް ބިދޭސީން ނުކުންނަން ޖެހުނު މައްސަލައިގެ ފެށުން އޮތީ ތިލަފުއްޓާ ހިސާބުގައެވެ. އޭގެ ފަހުން ބ. އަތޮޅު ބޮޑު ފިނޮޅުގައެވެ. އަނބިދަރީންނާއި އާއިލާ ދޫކޮށް، އަމިއްލަ ވަޒަން ނޫން އެހެން ވަޒަނެއްގައި އެތަކެއް ދުވަސް ވަންދެން މަސައްކަތް ކުރަމުން އަންނަ ބިދޭސީން، އެމީހުންގެ މަސައްކަތުގެ އުޖޫރަ ނުދީގެން ރުޅި ފަޅައިގެން ދިޔަ މަންޒަރާއި އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ 13 ދިވެހިންނަށެވެ. ރުޅިވެރިކަން ކޮޅުން ލުމުން ފެނުނު ފުރަތަމަ މަންޒަރަކީ އެއީ އެވެ. ބޮޑުފިނޮޅުގެ އެ ބިރުވެރި ހާދިސާ މުޅި ރާއްޖެ ހުއްޓުވައިލި އެވެ. ސަލާމަތީ ބާރުތައް ސިއްސުވައިލި އެވެ.

ބަޔަކަށް މުސާރަ ނުދީގެން އެމީހުންނަށް ހައްގުވާ މިންވަރު ހޯދުމަށް އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން އެންމެ ފުރަތަމަ ހުޅުމާލޭގައި ކުރި މުޒާހަރާގައިވެސް ހަމަނުޖެހުން ހިންގި އެވެ. ނަމަވެސް އެދުވަހުގެ ރުޅިވެރިކަން މަޑެވެ. އިއްޔެ ފެނުނީ އަމިއްލަ ހައްގު ހޯދަން ސަލާމަތީ ބާރުތަކާ ކުރިމަތިލާންވެސް ފަސްނުޖެހޭނެކަން ދައްކައި ބިދޭސީން ނުކުތް މަންޒަރެވެ.

އިއްޔެ ފެނުނީ ވަކިން ބިރުވެރި މަންޒަރެކެވެ. އާންމުވި ވީޑިއޯއަކުން ފެންނަނީ ބިދޭސީން އަޑު އުފުލަމުން ދަނިކޮށް ފުލުހުންގެ ވެހިކަލެއް އެތަނަށް ގާތްކުރި މަންޒަރެވެ. ވެހިކަލް އެތަނަށް ގާތްކޮށް ފުލުުހުން ވެހިކަލުން ފައިބައިގެން އެމީހުންނާ ދިމާއަށް ދިއުމުން މުޅި މަންޒަރު ބަދަލުވި އެވެ. ބިދޭސީންތައް، ފުލުހުންނާ ކުރިމަތިލީ ގަލާއި ހަތިޔާރުންނެވެ. ފުލުހުންނާ ދިމާއަށް ބިދޭސީން ގާ އުކަން ފެށި އެވެ. އެ ގާތަށް އެތަނުގައި ތިބި ބައެއް އާންމުންގެ ގައިގައި ވެސް ޖެހުނު މަންޒަރު ފެނެ އެވެ. އެ ހަމަލާތަކުން ފުލުހުން ސަލާމަތްކަން ހޯދީ ފުލުުހުންގެ ވެހިކަލުގެ ނިވަލަށް ވަދެގެނެވެ.

އިއްޔެގެ ބިރުވެރި އެމަންޒަރު އެންމެނަށްވެސް ފެނުނެވެ. ނަމަވެސް އެހާ ހިސާބަށް ބިދޭސީން ދާން ޖެހުނު ސަބަބުވެސް ވިސްނާލަން މިހާރު މިއޮތީ މަޖުބޫރުވެފަ އެވެ. އައިލެންޑް އެކްސްޕާޓް އަކީ 2012 ވަނަ އަހަރު އެންމެ ފުރަތަމަ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރި ނޫމަޑީގެ ހިއްސާ ކުރިން އޮތް ތައިލެންޑް މީހެއްގެ ކުންފުންޏެކެވެ. އެކުންފުނިން މިހާރުވެސް އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަމިއްލަ އިމާރާތްތަކެއް ހަދަމުންނެވެ. ބޮޑެތި ބިންތަކުގަ އެވެ. ސުވާލު އުފެދެނީ މިވަރު ކުންފުންޏަކަށް މުސާރަ ނުދެވި، މަސައްކަތް ކުރާ ބިދޭސީން ބިކަ ކޮށްލުން ގަބޫލު ކުރެވޭ ހެއްޔެވެ؟ މި މީހުންގެ މައްސަލަ ނުބެލެނީ ކީއްވެ ހެއްޔެވެ؟ މުސާރަ ނުދޭ ވާހަކަޔަކީ ބިދޭސީން ހަދާ ދޮގެއް ހެއްޔެވެ؟

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބެލެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ބޮޑުފިނޮޅު މައްސަލައިގައި އެމްޑީޕީގެ މަޖިލިސް މެންބަރު އަލީ ރިޒާގެ ކުންފުނީގެ ބިދޭސީންނަށް މުސާރަ ނުދީގެން ހިންގި ހަމަނުޖެހުމުގައިވެސް ކުށްވެރި ވީ ހަމައެކަނި ބިދޭސީންނެވެ. ނަމަވެސް ރިޒާގެ ރިޒް ކުންފުންޏާ މެދު ފިޔަވަޅެއް ނޭޅެ އެވެ. ރިޒް ކުންފުނިން ވަނީ އަށް މަސް ވަންދެން މުސާރަ ނުދެވި ވާ ކަމަށްބުނެ، އެމީހުންނާ ހަވާލުވާންވެސް ދެކޮޅު ހަދައިފަ އެވެ. އެ ކުންފުނީން ބުނަނީ މުސާރަ ދޭން ޖެހެނީ ތިމަންނާމެން ނޫން ކަމަށެވެ. ހަގީގަތެއް ނޭނގެއެވެ.

އޭގެ ކުރީން ތިލަފުށީގައި ހިންގި ހަމަނުޖެހުމަށް ބަލާއިރު، އެ ތަނުގައިވެސް ދިމާވީ މުސާރައިގެ މައްސަލައެވެ. އެ މުވައްޒަފުންނަށް ވެސް މުސާރަ ނުދޭތާ މަސްތަކެއް ވެފައި ވާއިރު، އެމީހުންގެ ތިބުމާއި ކެއުމުގެ ކަންކަންވެސް ހުރީ އިންސާނިޔަތުކަމުގެ މިންގަނޑުން ބޭރުގަ އެވެ. އެކަންކަން އިސްލާހުކުރަން އެމީހުން ގެންގުޅޭ ކުންފުންޏަށް އެތައް ފަހަރަކު އެންގި ނަމަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެކަމަކު އެޅުނު ފިޔަވަޅެއްވެސް ނެތެވެ.

ހިއުމަން ޓްރެފިކިންގެ މަސައްކަތް ހުއްޓުވަން އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ގިނަ ބަޔަކު މިއަދު މި ވަނީ އަޑު އުފުލަން ފަށައިފަ އެވެ. މައްސަލަ ހައްލު ނުވަނީ ބިދޭސީންނަށް މިހާލު ޖައްސާ ކުންފުނިތަކަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ފަރާތްތަކުގެ ކުންފުނިތައް ކަމަށް ވާތީ ކަމުގެ ތުހުމަތު ދަނީ ކުރެވެމުންނެވެ. މި ތުހުމަތު އެންމެ ބޮޑަށް އަމާޒުވާ އެއް ބޭފުޅަކީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމުން މަޖިލީހުން ވެސް މިކަމަށް އިންސާފުވެރި މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ބޮޑު ފިނޮޅުގެ މައްސަލައިގައި ތުހުމަތު އަމާޒުވަނީ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށެވެ.

ބިދޭސީންގެ މައްސަލަ ހޫނުވެ، މަގުމަތީގެ ހަރަކާތަށް އެމީހުން ނުކުތުމުން، ސަރުކާރުން މިވަނީ އެހެން ތުހުމަތެއްވެސް ކޮށްފަ އެވެ. ސަރުކާރުގެ ތުހުމަތަކީ މި މުޒާހަރާތަކުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއްވެސް އެބަ އޮތް ކަމުގެ ތުހުމަތެވެ. އެ ގޮތުން ބިދޭސީން މި ކުރާ މުޒާހަރާތަކުގެ ފަހަތުގައި ސިޔާސީ މަގުސަދާއި ސިޔާސީންގެ ހިތްވަރު އެބަ އޮތް ކަމަށް ދޭހަވާ ގޮތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއްޔެ ވަނީ ވާހަކަދައްކަވައިފަ އެވެ.

"މިވަގުތުގެ މިކަންކަމުގައި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ބިދޭސީން ބޭނުން ކޮށްގެން މުޒާހަރާ ކުރުމާއި މިކަންކަން ކުރުމަކީ އެއީ އަޅުގަނޑުމެންނަށް އެނގޭ ހަގީގަތެއް. އެކަންކަން ކުރާނީ ވެސް އެހެން. ސިޔާސީ ކަންކަން އޮންނާނީ ވެސް އެހެން. އެހެންވީމާ އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު މިކަމަށް އަމަލުކުރަން ޖެހޭނީ ރައްޔިތުންވެސް ކެތްތެރި ވާންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް މިމޭރުމުން ވާހަކަދެއްކެވި އިރު، އާންމުވެސް ވެސް އިއްޔެ ވަނީ ވަރަށް ހޫނުކޮށް މިވާހަކަ ދައްކައިފައެވެ. ބޮޑުފިނޮޅުގެ މައްސަލައިގައިވެސް ދިވެހީން ވަރަށް ރުޅިވެރިކަމާ އެކު މިވާހަކަތައް ދެއްކިއެވެ. ދިވެހީންގެ ބަހަކީ އެހެން ގައުމެއްގެ ބަޔަކަށް ރާއްޖޭގެ ފަސްގަނޑުގައި މިގޮތަށް މުޒާހަރާ ނުކުރެވޭނެ ކަމެވެ. ގައުމުގެ ދިފާއީ ބާރުތަކާ ކުރިމަތި ނުލެވޭނެ ކަމެވެ. އެއްވެސް ހުއްދައެއް ނެތި މިގޮތަށް ނޫޅެވޭނެ ކަމެވެ. ހަމަ އެހެންމެ ދިވެހީން މީގެ އަނެއް ފަޅިވެސް ގަބޫލު ކުރެ އެވެ. އެއީ ވެސް އިންސާނުން ކަމެވެ. ހައިވާނުންނާ މެދު ކަންކުރާ ގޮތަށް އެމީހުންނާ މެދު ކަންތައްތައް ކުރެވިގެން ނުވާނެ ކަމެވެ. މަސައްކަތް ކުރުވައިފި ނަމަ ހައްގު އުޖޫރަ ދޭން ޖެހޭނެ ކަމެވެ. އެކަށީގެންވާ ހުރުމާއި ކެއުން ވެސް ދޭން ޖެހޭނެ ކަމެވެ.

މިނިސްޓަރު ފައްޔާޒް ވަނީ އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަންނަ ކަމަށާއި އެކަންކަމުގެ ނަތީޖާވެސް މިހާރު ފެންނަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑާ ގުޅިގެން ދައުލަތުގެ މުޅި ނިޒާމަށް ގުޑުން އަރާފައިވާ މި ދަނޑިވަޅުގައި ވިސްނާލަން ޖެހޭ ހަގީގަތަކީ އަމިއްލަ ވަޒަން ނޫން އެހެން ވަޒަނެއްގައި އުޅޭ ބަޔަކަށް އެތަކެއް މަހެއް ވަންދެން މުސާރަ ނުލިބި، އަޅުންތަކެއް ގޮތަށް މަސައްކަތް ކުރުވަމުންދާއިރު، ކުރެވޭނެ އިހުސާސްތަކެވެ. ސުޕަ މެޖޯރިޓީ އޮވެ، މިކަން ހައްލު ކުރުމަށް ކުއްލި މައްސަލައެއް ހުށަނޭޅެންވީ ކީއްވެ ހެއްޔެވެ؟ އެމީހުންގެ ހައްގެއް ނެތީ ހެއްޔެވެ؟

ބޮޑުފިނޮޅުގެ ބިދޭސީންގެ ހައްގު ހޯދަން އަމިއްލަ ލޯ ފާމަކުން މަސައްކަތްތަކެއް އެބަ ކުރެ އެވެ. ހިއުމަން އެކަމަކު ރައިޓްސް ކޮމިޝަން އޮތީ އަދިވެސް ނިދައިފަ އެވެ. ފުލުހުން އެމައްސަލައިގެ ތަހުގީގް ކުރިއަށް އެބަ ގެންދެ އެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުކުންނަ ތަނެއް ނުފެނެއެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލަޔަކީ ރާއްޖޭގައި މިހާރު އޮތް ވަރަށްވެސް ބޮޑު މައްސަލަ އެކެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި އެހާމެ ގިނަ އެވެ. ސަރުކާރުން މިކަން ހައްލު ކުރުމުގެ މަސައްކަތްތައްވެސް އެބަ ކުރެ އެވެ. ނަމަވެސް "އަޅުން" ތަކެއް ގޮތަށް ބަޔަކު ލައްވައި މަސައްކަތް ކުރުވައި މުސާރަ ނުދީ އެތަކެއް ދުވަހެއް ވަންދެން ގެންގުޅުމުގެ ނަތީޖާ ވަރަށް ހިތި ގޮތަކަށް ފެންނަމުން އެބަ ދެއެވެ.

ބޮޑު ފިނޮޅު ހާދިސާއިން އިއްޔެގެ ހާދިސާއަށް ބަލައިލުމުން މިކަމުގެ ބިރުވެރިކަން އޮތް މިންވަރު ހާމަވެގެން އެބަ ދެއެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތަކަށް ގައުމުގެ ކަންކަން ގޮސްފައިވާ މަންޒަރު ފެނެއެވެ. ބިދޭސީން އެއްވެސް ޖެހިލުމެއްނެތި ދިފާއީ ބާރުތަކާ ކުރިމަތިލާ މަންޒަރަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ފުލުހުންވެސް ވަނީ މިކަން ކޮންޓްރޯލް ނުވެދާނެ ކަމުގެ ބިރުވެރި އިންޒާރު ދީފައެވެ.

ބިދޭސީން އެމީހުންގެ ހައްގު ހޯދަން ކޮންމެ ކަމެއްވެސް ކޮށްފާނެ ކަމުގެ އިންޒާރު އިއްޔެ އެވަނީ ދީފަ އެވެ. ބޮޑުފިނޮޅުގައި ދިވެހީން ރަހީނުކުރި މައްސަލައިން އެކަން އަދި ވަކީން ސާފެވެ. ކޮންމެ ބަޔަކާ ކުރިމަތިލާން ޖެހުނަސް ފަސް ނުޖެހޭނެ ކަން އެމީހުންގެ އަމަލުތަކުން އެނގި ސާފު ވެއްޖެ އެވެ. ފެނިގެން ދިޔައީ އެމީހުންގެ ކިބައިން ބިރު ފިލައިފައިވާ މަންޒަރުތަކެވެ. މިޔަށްވުރެ ވަކީން ބިރުވެރިކަމެއް އޮންނާނެ ހެއްޔެވެ؟

މިގޮތަށް މުސާރަ ނުލިބި ކިތައް ބިދޭސީން އެބަ އުޅޭ ހެއްޔެވެ؟ މިކަހަލަ ކިތައް މައްސަލަ އެބަ އުޅޭ ހެއްޔެވެ؟ ރާއްޖޭގައި އެތައް ބައިވަރު ބިދޭސީންތަކެއް އެބަ އުޅެ އެވެ. މުސާރަ ނުލިބި އެންމެން މަގުމައްޗަށް ނުކުމެ ދިވެހިންގެ މުދަލަށާއި ދިވެހިންނަށް ގެއްލުން ދޭ ހިސާބަށް ދާންދެން ބަލަން ތިބެން ހެޔޮވާނެ ހެއްޔެވެ؟ ބިރުވެރި ހާލަތަކަށް ގޮސް ގައުމަށް ބޮޑު ނުރައްކަލެއް ކުރިމަތި ވާ މަންޒަރު ބަލަން އަތް އުރާލައިގެން ނުތިބެ ހޭލާނީ ކޮން އިރަކުން ހެއްޔެވެ؟

ހަގީގަތަށް ބުރަވާ ނަމަ، އެންމެންވެސް އިއްތިފާގުވާ ގޮތުގައި މި ހާލަތަށް މިކަން ދިއުމުގެ ހަގީގީ ޒިންމާ ނަގަންވެސް ޖެހެނީ ދިވެހީންނެވެ. ބިދޭސީން ރާއްޖެއަށް އެތެރެވަނީ ސަރުކާރުން ދޭ ހުއްދައެއްގެ ތެރެއިންނެވެ. ރާއްޖޭގެ ކޮންމެވެސް ބަނދަރަކުންނެވެ. އުޅެނީ ރާއްޖޭގެ ކޮންމެވެސް ރަށެއްގަ އެވެ. އެ މީހުންނަށް މަސައްކަތްދީ، އުޅޭނެ ތަން ދީ، ހުރިހާ ކަމެއް ކޮށްދެނީ ދިވެހީންނެވެ. ދިވެހީން އެކަންކަން ކުރަނީ އެއީ އެއްވެސް ލިޔެކިޔުމެއް ނެތި ނުގަވައިދުން އުޅޭ ބިދޭސީންކަން ސާފުކޮށް އެނގި ތިބެ އެވެ. މި ކަންތައްގަނޑު މި މަގުން ހިނގާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ބިދޭސީންގެ މައްސަލައިގައި ހަމަ އެކަނި އެމީހުން ކުށްވެރިކޮށްގެން ވާނެ އެއްވެސް ހަމައެއް ނެތެވެ. މިއަދުވެސް އެ ބިދޭސީންނަށް ހިޔާވަހިކަން ދީ، އެމީހުންނަށް މަސައްކަތްދީގެން ގެންގުޅެނީ އަހަރެމެން ދިވެހީންނެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ލައްކަޔަކަށް އަރާނެކަމަށް ބެލެވޭ އިރު، އެ އެންމެނަށް ވެސް ދިވެހި ފަސްގަނޑުގައި އާމްދަނީ ހޯދައިދީ، ހުރިހާ ފުރުސަތުތަކެއް ފަހިކޮށްދީފައި ވަނީ އަހަރެމެން ދިވެހީންނެވެ.

މައްސަލައިގެ އަސްލު ހައްލު އޮތީ މި ހުރިހާ ހަގީގަތެއް އެނގިތިބެ ފަރުދީ ޒިންމާ ފުރިހަމަޔަށް ނަގައިގެން ހެޔޮ ނިޔަތުގައި މިކަން ހައްލުކުރާން ނުކުމެގެންނެވެ. ބިދޭސީން ބޭރު ކުރާށޭ، މުސާރަ ދޭށޭ ގޮވައި ނަގާ އިރު އަމިއްލަ ގޭގައި އަމިއްލަ ފިހާރައިގައި ތިބީ ގަވައިދާ ހިލާފު ކިތައް މީހުންތޯ ވިސްނައި ތެދުވެރިވެއްޖެ ނަމަ ހައްލު އޮންނާނީ ދާދި ކައިރީގަ އެވެ. މި ނިޔަތުގައި މަސައްކަތް ނުކޮށް، ހަމަ އެކަނި ދެއްކުންތެރިކަމުގެ ދެތިން ވާހަކައެއް ބުނެލާފަ ނިންމައިލާ މީހަކަށް އަހަރެމެން ކޮންމެ މީހަކު ވެއްޖެ ނަމަ، ބިދޭސީން ނުކުމެ މި ގައުމަށް ކޮންމެ ފަދަ ގޮތެއްވެސް ހަދައިފާނެ އެވެ. އަހަރެމެންގެ ގައުމުގެ ހައްގުގައި އަމިއްލަ ޒިންމާ ނުނަގައި ބިދޭސީން ގޯސްކުރާން ވެއްޖެ ނަމަ މި މައްސަލަ ދުވަހަކުވެސް ހައްލެއް ނުވާނެ އެވެ.