ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އެޅުމުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެެރިންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން މިއަދު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 41 ބިދޭސީ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މުސާރަ ނުދޭތީ ކަމަށް ބުނެ ހުޅުމާލޭގައި މިއަދު ބިދޭސީ މުވައްޒަފުންތަކެއް ހިތްހަމަނުޖެހުން ފާޅުކޮށް ކުރި އިހުތިޖާޖާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާއަށް ގައު އުކައިި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެގޮތުން އެ ހަމަނުޖެހުންތަކުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަށާއި އާންމު ރައްޔިތުންގެ މުދަލަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް އެ ސަރަހައްދަށް ގޮސް އެއްވުމުގައި ބައިވެރިވި ބިދޭސީންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން އެ ސާވިސްއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ އަމަލު ހިންގުމުގައި ޝާމިލުވި މީހުންނާ މެދު ގާނޫނުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
މުސާރަ ނުދޭތީކަމަށް ބުނެ ގިނަ އަދަދެއްގެ ބިދޭސީން ހުޅުމާލޭގައި ހަމަނުޖެހުން ހިންގާފައިވާއިރު، މިފަހުން ވަނީ ބ. ބޮޑުފިނޮޅުގައިވެސް ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި ބައެއް ދިވެހިން ރަހީނުކޮށް، މުދަލަށް ގެއްލުންދީފައެވެ. އެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު