އަންނަ ބުދަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އިންޑިއާއާއެކު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސަން ދިވެހި ސަރުކާރުން އެދިއްޖެއެވެ.
ކޮވިޑާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް އަދިވެސް ހުޅުވާލާފައެއް ނުވެއެވެ. އެހެންކަމުން ރާއްޖެއިން ވަނީ އިންޑިއާއާއެކު އެއާ ބަބުލް އެއް އުފެއްދުމަށް އެދިފައެވެ.
ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ އިންޑިއާއާއެކު ވައިގެ ދަތުރުފަތުރުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން އެދިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ދެގައުމުން މިހާރު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި އަދި ވަކި ގޮތަކަށް ފައިނަލް ނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެކަން ފައިނަލް ވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާއްސަ އިންތިޒާމުގެ ދަށުން ރާއްޖެއަށް ފްލައިޓުތައް އޮޕަރޭޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ފަހިކޮށްދޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭސްފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކާއި ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުން ވަނީ ފްލައިޓުތަކާއި އިންޑިއާ އިން ފޮނުވި މަނަވަރުތަކުގައި އަނބުރާ ގައުމަށް ގެންގޮސްފައެވެ.
މިއުވާން ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ އިންޑިއާ މީހުން އެގައުމުގައި މިހާރު އެބަތިބި ކަމަށާއި މި ބަބުލްގެ ސަބަބުން އެގައުމުގައި ތިބި ނަރުހުންނާއި ޓީޗަރުންނާއި އެހެނިހެން ފަރާތްތަކަށް ފަސޭހައިން އާދެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
"މިހާރު މި އޮންނަ ގޮތުން ރާއްޖެއަށް އާދެވޭނީ ވަކި ހުއްދައެއް ނަގައިގެން. މި ބަބުލްގެ ދަށުން ފަސޭހަކަމާއެކު ރާއްޖެއަށް އާދެވޭނެ. ދެން ރާއްޖެއިން ބޭސްފަރުވާއަށްދާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ މި އެއާ ބަބުލް ވެގެންދާނީ ނިއު ޒީލެންޑާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށް ހަމަޖެއްސި ފަދަ އިންތިޒާމަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު