ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު އިބްރާހިމް ޝަހީގު އެ ކޮމިޝަނުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ޝަހީގުގެ އިތުރުން، އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު ޒަކަރިއްޔާ ވަކި ކުރުމަށް ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު މަޖިލީހަށް ހުށަހެޅިއެވެ.
ނަމަވެސް ޝަހީގު ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވޯޓު ނެގުމުުގެ ކުރިން އިސްތިއުފާ ދެއްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓަށް އެއްސެވީ ހަމައެކަނި ޝަހީގު ވަކި ކުރުމަށް ފެނޭތޯ ބެލުމަށެވެ.
އެ ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 48 މެންބަރުން އޭނާ މަގާމުން ވަކިކުރަން ވޯޓު ދެއްވިއެވެ. ޝަހީގު ވަކި ކުރުމުން ފަސް މެންބަރުން ހިމެނޭ އެ ކޮމިޝަނުގައި އިންނަވާނީ، އެންމެ މެންބަރެކެވެ. އެއީ ފާތިމަތު އާމިރާއެވެ. އާމިރާ ކޮމިޝަނުން ވަކި ކުރުމަށްވެސް ކޮމިޓީއަށް ހުށަހަޅައި ބަހުސްކުރިއެވެ. ނަމަވެސް އޭނާ ވަކިކުރަން ކޮމިޓީން ފާސް ކޮށްފައެއްް ނުވެއެވެ.
އާމިރާ ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ކޮމިޝަނުން ވަކިކުރުމަށް، އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފޮނުވި ރިޕޯޓުގައި އެ ބޭފުޅުން ވަކިކުރަން ޖެހޭ ހަތް ކަމެއް ފާހަގަ ކޮށްފައި ވެއެވެ.
އޭގެ ތެރޭގައި މުވައްޒަފުން ނެގުމުގައި ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް ކޮމިޝަނުން އަމަލު ކޮށްފައި ވުމާއި، މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން ނަގާއިރު، ވަކި ފަރާތަކަށް އެ މަގާމު ދިނުމަށްޓަކައި، ޕާމަނަންޓް ސެކްރެޓަރީން ނަގާ ކޮންމެ ފަހަރަކު ބައެއް ފަރާތްތަކަށް ޝަރުތުތައް މަތިކޮށް އަނެއްބައި ފަރާތްތަކަށް ޝަުތުތައް ލުއި ކުރުމަށް އުސޫލަށް ބަދަލު ގެނައުން ހިމެނެއެވެ.
މީގެ އިތުރުން ނޯޓިސްއަކާ ނުލައި މުވައްޒަފުން މަގާމުން ވަކިކުރާ ހާލަތުގައި ޖަވާބުދާރީވުމަށް މުވައްޒަފުންނަށް ފުރުސަތު ނުދިނުންވެސް ހިމެނެއެވެ. ރިޕޯޓްގައި ބުނެފައިވަނީ އެގޮތަށް ނޯޓިސްއަކާ ނުލައި 90 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.
ކޮމިޝަންގެ މެންބަރުންގެ މެދުގައި ގުޅުން ކުޑަކަމުގެ ސަބަބުން ގާނޫނުގެ ދަށުން ކޮމިޝަނާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ދަތިތައް ކުރިމަތިވެފައި ވުންވެސް ކޮމިޓީ ރިޕޯޓުގައި މެންބަރުން ވަކިކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ހިމަނާފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް