ޖިނާއީ ތުހުމަތުތަކެއްކޮށް ސުޕްރީމް ކޯޓުގެ ފަނޑީޔާރުންތަކެއް ވަކި ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމުން ގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި، ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. އެހެންކަމުން ގަރަރު ބޭރުކޮށްލީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ ގައި 36 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މިދިޔަ ހަފުތާގައި ގެނައި ބަދަލާ ގުޅިގެން، މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ބަހުސް ކުރެވޭނީ އެ ގަރާރު މަޖިލީހަށް ބަަލއިގަތުމުންނެވެ. ގަވާއިދު ބުނާގޮތުން ގަރާރު މަޖިލީހަށް ބަލައިނުގެންފިނަމަ އެ ގަރާރެއް ބާތިލުވާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ތިއްބަވަނިކޮށް، މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް، ޖުޑިޝަލް ސާވިސް ކޮމިޝަނުން ބެލުމަށްފަހު، އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިގެން 14 މެއި 2025 ގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރިއެވެ.

ނަމަވެސް މިމަހުގެ 8 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައި ވަނީ އެ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި އެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވި މައްސަލައިގައި ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އަންބުރާ ފޮނުލާފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދުގެ މައްޗަށް ވެސް މި ޕްރޮސެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ފަނޑިޔާރު ކަމުގެ މަގާމުން 2025 މާޗް ހަތަރެއްގައި ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މިކަމާ ގުޅުވައި މި ގަރާރުގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުކޮށް އޭގެ ތެރެއިން ދެ ފަނޑިޔާރަކު މަގާމުން ވަކިކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ހެއްކާއި ގަރީނާތަކަށް ބެލި އިރު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން ޖިނާއީ ދައުވާ ނުކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ގައި ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ ފަނޑިޔާރުން މަގާމުން ވަކި ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ކަން ހާމަވާ ކަމަށެވެ.

"ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވެ، މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަަމަށާއި ފަޑިޔާރުކަމުުގެ މަގާމުގައި ހުރި މީހަކު މަގާމުން ވަކިކުރެވޭނީ އެމަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް ނުވަތަ އެ މަގާމަށް އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސް ކުރުމުން ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނޭ،" ގަރާރުގައި ބުނެފައިވެއެވެ.

ނަމަވެސް އެ ބޭފުޅުންނަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

"ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖޭއެެސްސީން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކި ކޮށްފައިވަނީ، ޖިނާއީ ކުށެއް ހިންގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށް ވުމާއެކު އެކަމުގެ ޒިންމާ ޖޭއެސްސީން އުފުލައި ޖަވާބުދާރީވާން ޖެހޭ ކަމަށް ފެނޭ،" ގަރާރުގައި ވެއެވެ.

އެހެންކަމުން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަށް، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުމަށްޓަކައި މިކަމުގައި މަޖިލިސް މެންބަރުން ދެކެވަޑައިގަންވާ ގޮތެއް ދެނެގަތުމަށް މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ބުނެފައިވެއެވެ.