ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ބިދޭސީން ބޭނުން ކޮށްގެން މުޒާހަރާތައް ކުރުވުމަކީ ހަގީގަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މުސާރަ ނުދިން މައްސަލައިގައި، ހުޅުމާލޭގައި މިއަދު ބިދޭސީންތަކެއް މުޒާހަރާކިރަމުންދިޔަ ވަގުތު، ބިދޭސީންގެ މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދއްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެފަދަ މުޒާހަރާތަކާ މެދު ޝައްކުތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެކަން އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބޮލުގައި އަޅުވަނީ ނޫން ކަމަށާއި، އެހެންނަމަވެސް އެކަމުގައި ސިޔާސީ އެލިމެންޓެއް އުޅޭ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"މިވަގުތުގެ މިކަންކަމުގައި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ބިދޭސީން ބޭނުން ކޮށްގެން މުޒާހަރާ ކުރުމާއި މިކަންކަން ކުރުމަކީ އެއީ އަޅުގަނޑުމެންނަށް އެނގޭ ހަގީގަތެއް. އެކަންކަން ކުރާނީ ވެސް އެހެން. ސިޔާސީ ކަންކަން އޮންނާނީ ވެސް އެހެން. އެހެންވީމާ އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު މިކަމަށް އަމަލުކުރަން ޖެހޭނީ ރައްޔިތުންވެސް ކެތްތެރި ވާންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެ މުޒާހަރާތަކަކީ އެހެންގޮތަކުން ކުރެވޭ މުޒާހަރާތަކެއް ކަމަށާއި، އެއީ ރާއްޖެއަށް ހަލަބޮލިކަން ގެނައުމަށް ބަޔަކު ކުރާ ކަމެއްގެ ގޮތުގައި ޝައްކު ކުރެވޭ ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ބޭނުމަށްޓަކައޭ މި ބުނަނީ އެއްގޮތަކަށްވެސް އަޅުގަނޑު މި އިނގިލި ދިއްކުރަނީ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކަކަށް ނޫން، ސިޔާސީ ބޭނުމެއް ހުރެދާނެ އިދިކޮޅު ފަރާތް ނޫން ނަމަވެސް އެކިއެކި ގޮތްގޮތުން. މީގައި ބައިވަރުކަންކަން އެބަހުރި އޭގެ ތެރެއިން ހަލަބޮލިކަން ރާއްޖެއަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވޭކަން މި މުޒާހަރާތައް ގެނައުމުގަ ޝައްކު ކުރެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މުސާރަ ނުދިނުމުގެ ވާހަކަ ދައްކާއިރު ދިވެހިންނަށްވެސް މުސާރަ ނުލިބޭ ކަމަށެވެ.

ނަމަވެސް އެ ވިޔަފާރިތަކުގެ މުދާ ނަގައި ވިއްކައި ހަދައިގެން މުސާރަ ދެވޭ ގޮތަށް ނޯންނަ ކަމަށާއި، އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަންކަމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.