ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް އިސްތިއުފާ ދެއްވައިފިއެވެ.

އެ ކޮމިޝަނުން ޑރ. އަލީ ޝަމީމް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ދުރު ކުރުމަށް ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

ޑރ. އަލީ ޝަމީމް އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަފުޅުވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސީއެސްސީގެ ހަތަރު މެންބަރަކު ވަކި ކުރުމާބެހޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ތިން ބޭފުޅަކު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީ ޕޯޓަލުން މެންބަރުންނަށް ފެންނަން އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ޑރ. އަލީ ޝަމީމް އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، އެހެންކަމުން މަޖިލީހުގެ މިއަދު އެ މައްސަލަ ކުރިއަށް ދާއިރު ޝަމީމާބެހޭ ގޮތުން އޮތް މައްސަލަ ކުރިޔަށް ނުގެންދަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޑރ. ޝަމީމުގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު ޒަކަރިއްޔާ ހުސައިން އާއި އިބްރާހީމް ޝަހީގު ވެސް ކޮމިޝަނުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ބަނީ ހިމަނައިފައެވެ.

ކޮމިޝަންގެ މެންބަރުކަމުން، އެ ހަތަރު ބޭފުޅުުން ވަކި ކުރުމަށް ކޮމިޓީިން ފާސްކުރީ، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވަކިކުރުން ފަދަ މައްސަލަތަކާ ގުޅިގެންނެވެ.