ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތްތަކުގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ނަމަ، 30 މިނެޓުގެ "ބަފާ ޓައިމް" އެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފިއެވެ.

ސިވިލް ސާވިސްއިން ގަވާއިދު އިސްލާހުކުރުމަށްފަހު ގެޒެޓުކޮށްފައިވަނީ އިއްޔެއެވެ.

އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ބަފާ ޓައިމް އަކީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެކެވެ. މި އުސޫލުގެ ދަށުން މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތުން ފެށިގެން 30 މިނެޓުގެ ވަގުތެއް ލިބޭނެއެވެ.

ނަމަވެސް ބަފާ ޓައިމްގެ ތެރޭގައި ހާޒިރުވާ ނަމަ، އެކަން ދިމާވި ސަބަބު ބަޔާންކޮށް އޮފީހުގެ އެޗުއާރު ސެކްޝަނަށް އަންގަން ޖެހޭނެއެވެ. އަދި ބަފާ ޓައިމްގެ ގޮތުގައި ކަނޑައަޅާފައިވާ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ، ބަލާނީ ގަޑި ޖެހުނީ ކަމަށާއި، އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެކަމަށް އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ބަފާ ޓައިމްގެ ތެރޭގައި އޮފީހަށް ހާޒިރުވާ ވަގުތަށް ބަލައި، އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރެވޭނެއެވެ. މިސާލަކަށް އޮފީހުގެ ގަޑިޖެހޭ ވަގުތަކީ ހެނދުނު 8:00 ކަމަށްވެފައި، މުވައްޒަފު އޮފީހަށް ހާޒިރުވީ 8:15 ގައި ނަމަ، އެ މުވައްޒަފުގެ މަސައްކަތު ގަޑި ހަމަކުރުމަށްޓަކައި އޮފީސް ނިމޭނީ މެންދުރުފަހު 2:15 ގައެވެ.