މީހުން ދިރިއުޅޭ އާބާދީ ކުދި ރަށްރަށުގެ ކައުންސިލްތަކަށް ބޭނުންވާ އިދާރީ މުވައްޒަފުން އެ ރަށަކުން ނުލިބިއްޖެ ނަމަ، އަތޮޅުގެ އެހެން ރަށެއްގައި ހުރެގެން އެ ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖައްސައިދީފިއެވެ.

ސީއެސްސީން މިދިޔަ މަހުގެ 24 ގައި އަމަލުކުރަން ފެށި "އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި ވަޒީފާތަކަށް މީހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން، ކައުންސިލް އިދާރާތަކުގެ އިދާރީ މަގާމުތަކަށް އެ އަތޮޅުގެ ކޮންމެ ރަށަކުންވެސް މީހުން ނެގުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުދި ރަށްރަށުގެ ކައުންސިލް ވަޒީފާތަކަށް އިއުލާންކުރަން ޖެހޭނީ އެ އަތޮޅެއްގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށެވެ. އަދި ހޮވޭ މުވައްޒަފަކު ވަޒީފާ އަދާކުރަން ދާންޖެހޭނީ އަމިއްލަ ރަށުގެ ކައުންސިލް އިދާރާއަށެވެ. އެހެންކަމުން ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާގައި، އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލުން އެ ފުރުސަތު ލިބޭނެކަން ކަށަވަރުކުރަންޖެހެއެވެ.

އުސޫލުގެ ދަށުން ނަގާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބަލަހައްޓާނީ އެ މީހަކު މަސައްކަތަށް ހާޒިރުވާ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ނުވަތަ އެ ޒިންމާ ހަވާލުކޮށްފައިވާ އިސް ވެރިއެކެވެ.

ނަމަވެސް، އެ މުވައްޒަފެއްގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ހަމަޖައްސައިދޭން ޖެހޭނީ އެ މީހަކު ވަޒީފާއަށް ނެގި އަސްލު ކައުންސިލް އިދާރާއިންނެވެ.