ކުދިން ފާސްވާ ނިސްބަތް ދަށްވެގެން ދ. އަތޮޅު ސްކޫލްގެ ބީޓެކް ހޮސްޕިޓަލިޓީ ޓީޗަރުގެ މަގާމުން ވަކިކުރި އިންޑިއާގެ ރަޔަސް ޖޮޝީއަށް 82،592 ރުފިޔާގެ ބަދަލެއް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް އަމުރުކޮށްފިއެވެ.

ވަޒީފާއިން ވަކިކުރުމުން ރަޔަސް ޖޮޝީގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާ ވަކިކުރީ އެކަށީގެންޥާ ސަބަބެއް ނެތި ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ އެ ފިޔަވަޅު އެޅީ ވަޒީފާ އެއްބަސްވުމާ އޭނާ ހިލާފުވުމުން ކަމަށެވެ.

އެގޮތުން ދަރިވަރުން ފާސްވި ނިސްބަތް 75 ޕަސެންޓުގައި ހިފެހެއްޓިފައި ނުވާ ކަމާއި އެއީ ނޯޓިސްއަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެ ހާލަތެއް ކަމަށް ކޮމިޝަނުން ބުުނެފައިވެއެވެ.

ނަމަވެސް، ޓީޗަރު ބުނެފައިވަނީ އޭނާ ކިޔަވައިދިނުން ރަނގަޅު ކުރަން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށެވެ. އަދި ފާސް ޕަސެންޓުގެ ތަފްސީލުގައި ހިމަނާފައިވަނީ އެ ޓާމުގައި ނެގި އެއް ޔުނިޓް އިމްތިހާނާއި އެ ޓާމުގެ ފަހު އިމްތިހާނު ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދިން ވަރު ދެނެގަތުމަށް އެކަށޭނެ މިންގަނޑެއް ނޫން ކަމަށް ވެސް ޓީޗަރު ބުނެފައިވެއެވެ.

ޖަވާބުގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ޔުނިޓް ޓެސްޓާއި ޓާމް އިމްތިހާނުގެ ނަތީޖާ ދަށް ކަމަށާއި ޓީޗަރު ކިޔަވައިދިނުމުގައި ޕާފޯމަންސް ދަށް ކަމަށެވެ. އެހެންވެ، ޕާފޯމަންސް ރަނގަޅު ކުރަން ލީޑިން ޓީޗަރާއި ޕްރިންސިޕަލް ނަސޭހަތްތެރިވެ، އިރުޝާދު ދިން ކަމަށާއި ނަމަވެސް ޕާފޯމަންސް ރަނގަޅު ނުވި ކަމަށް ކޮމިޝަނުން ބުންޏެވެ.

މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންނި ނިންމުމުގައި ބުނެފައިވަނީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ފަދަ ގައިރު ސުލޫކީ އަމަލެއް ކޮށްގެން ކަމަށް ބުރަ ނުވެވޭ ކަމަށާއި އެ ފިޔަވަޅު އަޅާފައިވަނީ މުވައްޒަފަކު ވަކިކުރުމުގައި ގާއިމު ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ. އަދި، ޓީޗަރު ވަޒީފާއިން ވަކިކުރަން ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތުދީ، އެ ފުރުސަތާއެކު އެ ފަރާތް ބޭނުންވާ ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ޓީޗަރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ އިދާރީ ތަހުގީގެއް ހިނގާފައި ނުވާކަން ވެސް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޓީޗަރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށް ކަނޑައަޅައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވާ ތާރީހުން ފެށިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށްވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ. އެއީ 82،592 ރުފިޔާއެވެ. އެ ފައިސާ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ދައްކައި ހަލާސްކުރަން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަންގައިފައެވެ.