ލުއި ރިޕޯޓް

ދިވެހީން ބިރުން ފިއްކަނޑުވައިލި ދިވެހި މޭކަޕް އާޓިސްޓް

އަލީ ޔާމިން

2

އިންސްޓަގްރާމްގެ ފީޑް ހާވަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ދިވެހި މޭކަޕް އާޓިސްޓަކު ކޮށްފައިވާ ލެއިން ތަތްތެޅިފައިވާ އަތްބުރިއެއްގެ މޭކަޕްއެކެވެ. އަސްލާ މާ ބޮޑުތަފާތެއް ނެތެވެ. ލޭތައް ފޭދިގެން އައިސްފައިވާ ގޮތާއި، އަތުގެ ކަށިގަނޑުވެސް ފެންނަން ހުއްޓެވެ. އެހެންކަމުން އެއީ އާދައިގެ މޭކަޕް އާޓިސްޓަކަށް ކުރެވޭނެ ކަމެއް ނޫންކަން ޔަގީން ވިއެވެ.

ދައްކަން މިއުޅެނީ، ސްޕެޝަލް އެފެކްޓް މޭކަޕްގެ ހޮރޯ ނުވަތަ ބިރުވެރި މޭކަޕްތައް ކުރާ މޭކަޕް އާޓިސްޓުންގެ ވާހަކައެވެ. އެގޮތުން ދ. މާއެނބޫދުއަށް އުފަން އުމުރުން 24 އަހަރުގެ ނޫމާ މުހައްމަދަކީ އޭނާގެ މޮޅު މޭކަޕްތަކުން އެތައް ދިވެހިންނެއް ސިއްސުވައިލައިފައިވާ ސްޕެޝަލް އެފެކްޓް މޭކަޕަށް ލޯބިކުރާ މޭކަޕް އާޓިސްޓެކެވެ.

ނޫމާއަކީ އެންމެ ކުޑައިރުއްސުރެވެސް މޭކަޕަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ޒުވާނެކެވެ. ނޫމާ އަންނަނީ އުމުރުން 16 އަހަރުއްސުރެ ފެށިގެން މޭކަޕް ކުރުމުގައި ހަރަކާތްތެރިވަމުންނެވެ. ކައިވެނި ހަފުލާތަކާއި އެހެނިހެން ބައެއް ހަފުލާތަކުގައި ވެސް ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުންނަށް މޭކަޕް ކޮށްދެމުން އަންނަ ނޫމާއަކީ މޭކަޕްގެ ދާއިރާއިން ކޮންމެވެސް ވަރަކަށް ތައުލީމްވެސް ހާސިލު ކޮށްފައިވާ ހުނަރުވެރިއެވެ.

ހޮރޯ މޭކަޕަށް ޝައުގުވެރިކަން އުފެދުނު ގޮތް "ވަން" އާ ހިއްސާ ކުރަމުން ނޫމާ ބުނީ، އެކަން ފެށިގެން އައީ 2016 ވަނަ އަހަރުގެ ތެރޭގައި ކޮއްކޮމެންނާއެކު ސަކަރާތް ޖެހުމުގެ ތެރޭގައި ކޮށްލި ޖޯކާ މޭކަޕެއްގެ ސަބަބުން ކަމަށެވެ. އެ މޭކަޕަށް ކޮއްކޮމެން އަދި އާއިލާގެ އެހެން މެންބަރުންގެ ތަރުހީބު ލިބުމުން ހޮރޯ މޭކަޕްގެ ރޮނގުން ކުރިޔަށް ދާން ބޭނުންވީ ކަމަށް ނޫމާ ބުންޏެވެ.

ހޮރޯ މޭކަޕްގެ ރޮނގުން ކުރިޔަށް ދިޔުމަށް އާއިލާއާއި ރައްޓެހިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމުގައި ނޫމާ ބުންޏެވެ. އެގޮތުން ހޮރޯ މޭކަޕް ކުރަން ފެށިއިރު އެކަމަށް ބޭނުންވާ ތަކެތި ހޯދައިދިނީ މަންމަ ކަމަށާއި ނަމަވެސް މޭކަޕް ކުރުމަށް ބޭނުންވާ ތަކެތި މިހާރު ހޯދަނީ އަމިއްލަޔަށް ކުރާ މަސައްކަތުން ކަމުގައި ނޫމާ ބުނެއެވެ.

އަސްލާ އެއްގޮތަށް ތަފާތު އެތައް މޭކަޕެއް ކުރަމުން އަންނަ ނޫމާގެ ހުނަރުން އެތައްބަޔަކު ސިއްސުވާލައިފައިވާއިރު، ނޫމާ ވަނީ މިކަމުގައި އެތައް ބައެއްގެ ޝައުގުވެރިކަމާއި ލޯބިވެސް ހޯދައިފައެވެ. ނޫމާގެ އިންސްޓްގްރާމް އެކައުންޓް noomanoomy717 މެދުވެރިކޮށް އޭނާގެ ހޮރޯ މޭކަޕްގެ ހުނަރު ދައްކައިލަމުން އަންނަ ނޫމާއަށް އެ ރޮނގުން މިއަދު ވަނީ ބޮޑެތި ކާމިޔާބީތައްވެސް ލިބިފައެވެ. ގޭތެރެއިން ފެށި ހޮރޯ މޭކަޕްތައް ވައިރަލް ވެ، ބައެއް ފިލްމުތަކާއި ޑްރާމާތަކުގެ ހޮރޯ މޭކަޕްތައް ކޮށްދިނުމުގެ ފުރުސަތުވެސް ނޫމާއަށް ލިބުނެވެ. އެގޮތުން ބައިސްކޯފުން ގެނެސްދޭ ދިވެހިންގެ ތެރޭގައި މަގުބޫލު ޑްރާމާ ސީރީސެއް ކަމަށްވާ "ހުވާ"ގެ ސީޒަން 2ގައި ފެނިގެންދާ ސްޕެޝަލް އެފެކްޓް މޭކަޕްތައް ކޮށްދީފައިވާ ކުޅަދާނަ މޭކަޕް އާޓިސްޓަކީވެސް ނޫމާއެވެ. އޭގެ އިތުރުންވެސް ބައެއް އެހެން ޕްރޮޖެކްޓްތައް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމެއް މޭކަޕް ކުރުމަކީ. ހިތްވަރާއެކު މަސައްކަތް ކުރީމަ މަސައްކަތްކުރާނެ ޕްރޮޖެކްޓްތައްވެސް ލިބޭ." ނޫމާ ބުންޏެވެ.

ސްޕެޝަލް އެފެކްޓް މޭކަޕެއް ކުރުމަށް ގަޑިއެއްހާއިރު ކުރީން ނެގިނަމަވެސް މިހާރު 30 މިނެޓުގެ ތެރޭގައި އެކަން ކޮށްލެވޭ ކަމަށް ނޫމާ ބުންޏެވެ. އަދި އެއީ ވަރަށް ބޮޑަށް މީހާ އެކަމަށް ހުސްވެ ހުރެ ނޫނީ ނުކުރެވޭނެ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

"މިހާރު ކޮންމެ ދުވަހަކު މޭކަޕެއް ނުކުރަން. ޕްރޮޖެކްޓްތައް ލިބެމުން އަންނަ ވަރަކުން މިކުރަނީ. ދެން މެންޓަލީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން މިކަން މިކުރަނީ. އެހެންކަމުން އެންމެ ގިނަވެގެންވެސް 30 މިނެޓުގެ ތެރޭގައި އުނދަގޫ މޭކަޕެއްވެސް ނިންމައިލެވޭނެ" ނޫމާ އޭނާގެ ހުނަރާ ބެހޭ ގޮތުން "ވަން"އަށް މައުލޫމާތު ހިއްސާކުރަމުން ބުންޏެވެ.

މޭކަޕް ކުރުމުގައި އެންމެ ބޮޑަށް އުނދަގޫވަނީ މޭކަޕް ކުރާނެ ކުދިން ނުވަތަ މޮޑެލުން ހޯދަންކަން ނޫމާ ފާހަގަ ކުރިއެވެ. އެގޮތުން އަމިއްލަ ހަށިގަނޑު ބޭނުންކޮށްގެން ނުކުރެވޭ ބައެއް ކަހަލަ މޭކަޕް ކުރުމަށް ބޭނުންވިނަމަވެސް މޮޑެލުން ހޯދުމުގެ ދަތިކަން ހުރުމުން އެކަން ނޫމާއަށް އެންމެ ބޭނުންވާ ވަރަށް އަދި ނުކުރެވެއެވެ.

"އެކި ކަހަލަގެ މޭކަޕްތައް ކުރާނެ ވަރަށް ގިނަ އައިޑިއާސް އެބަހުރި. އެކަމަކު ހުންނާނެ ބައެއް ކަހަލަގެ މޭކަޕް އަމިއްލަ ހަށިގަނޑު ބޭނުންކޮށްގެން އަމިއްލައަށް ނުކުރެވޭނެ މޭކަޕް. އެކަހަލަ މޭކަޕްތައް ކުރުމަށް އެހެން މީހުން ބޭނުން ވޭ. ގިނަ މޭކަޕްތައް މިހާރުވެސް ހުންނާނީ އަމިއްލައަށް އަމިއްލަ ހަށިގަނޑުގަ ކޮށްފަ" ނޫމާ ބުންޏެވެ.

މޭކަޕް ކުރުމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ނޫމާއަކީ ދިވެހި ބަސް ދެކެވެސް އިންތިހާއަށް ލޯބިވާ ދިވެހިވަންތަ ކަނބަލެކެވެ. މޭކަޕްކުރަން ލޯބިކުރާ ފަދައިން ދިވެހި ޅެން ހެދުމާއި އަދަބީ ބަސް އުފެއްދުމާއި އެކިކަހަލަ ދިވެހި ލިޔުންތައް ލިޔުމަކީ ގަޔާވެގެން ނޫމާ ކުރަމުން އަންނަ މަސައްކަތެކެވެ. ނޫމާ އެންމެ ކުރިޔަށް ދާން ބޭނުންވާ ދާއިރާއަކީވެސް އެއީއެވެ.

"ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެއް އެއީ ދިވެހި ބަހަށް ހިދުމަތް ކޮށްދިނުމަކީ. ނޫމާ ވަރަށް ބޭނުންވޭ ނޫމާގެ ޅެންތައް ނުވަތަ ނޫމާ އުފައްދާ އަދަބީ ބަސްތައް ދިވެހި ބަހުގެ ތެރޭގައި ހިމެނި އެ ބަސްތައް ބޭނުންކުރެވެން ފެށުން" އެންމެ ކުރާހިތްވާ ކަމާއި ބެހޭ ގޮތުން "ވަން"އަށް މައުލޫމާތު ދެމުން ނޫމާ ބުންޏެވެ.

ނޫމާއަކީ، ބުރަ އަދި ޒިންމާ ބޮޑެތި މަސައްކަތްތައް ކުރުމުގެ ޝައުގުވެސް ހުންނަ ޒުވާނެކެވެ. އެގޮތުން އާންމުކޮށް އަންހެނުން އަދާކުރަން ޖެހިލުންވާ ނުވަތަ އަންހެނުންގެ ބައިވެރިވުން ކުޑަ ބައެއް ވަޒީފާތައް ނޫމާ އަދާކޮށްފައި ވެއެވެ. އެގޮތުން އިތާފުށި ރިސޯޓުގެ ޓްރާންސްޕޯޓް މެނޭޖަރުކަންވެސް ނޫމާ ވަނީ ދޮޅު އަހަރެއްހައި ދުވަހު ކޮށްފައެވެ. ލޯންޗާއި، ބޯޓުފަހަރު ދުއްވަންވެސް ނޫމާއަށް އެނގޭއިރު، އޭނާގެ ނަޒަރުގައި އަންހެނަކަށް ވީތީ ވަކި "ލިމިޓޭޝަން" އެއް އޮންނާކަށް ނުޖެހެއެވެ. ހިތްވަރާއި މިންނަތާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ ރޮނގަކުންވެސް ކުރިޔަށް ދެވިދާނެ ކަމަށް ނޫމާ ގަބޫލު ކުރެއެވެ. "ވަން"ގެ އެދުމަކީ ނޫމާއަށް މޭކަޕްގެ ދާއިރާގައިވެސް އަދި އެހެނިހެން ދާއިރާތަކުގައިވެސް ކާމިޔާބީ ލިބުމެވެ.