ކުއްލި ޚަބަރު

އިތުރު 16 މީހުން ކޮވިޑުން ރަނގަޅުވެ، ބަލީން ފަސޭހަވީ ޖުމުލަ އަދަދު 2284 އަށް

ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 16 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 16 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2284 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 67 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ދިވެއްސަކާއި ބަންގުލަދޭޝްގެ 14 މީހަކާއި އިންޑިއާގެ މީހެކެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ފެންނަމުން އަންނަ ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. ހުކުރު ދުވަހު 64 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ 47 މީހަކު ޕޮޒިޓިވްވިއެވެ.

ރާއްޖޭގައި ޖުމްލަ 2731 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 419 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ އަށް ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.