ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސާ އައިމިނަތު އީނާސް އާއި އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ކޮމިޝަންގެ ރައީސާއި މެންބަރަކު އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަންގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައި އެ މަސައްކަތް ކުރިޔަށް ގެންދަނިކޮށެވެ.
އެ މައްސަލައިގައި ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން އޮތީ ނިންމައިފައެވެ. މިއަދު ހަވީރު 4:00 ޖަހާއިރު ކޮމެޓީގެ ބައްދަލުވުމެއް ބާއްވަނީ އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލައިގައި ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަަންކަމާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ކޮވިޑް 19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް އެޗްއާރުސީއެމުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާކަން ފާހަގަކޮށް، އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.
އެގޮތުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއުލާން ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ދައުލަތުގެ މަގާމެއްގައި ހުންނަ ފަރާތެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދެވޭނީ، މަޖިލީހުގެ ރައީސް އެކަން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރުމަށް ފަހުގައި ކަމަށެވެ.
އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ޖެންޑާ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ބުނެފައިވަނީ، ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެ ކޮމިޝަނުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ.
އެގޮތުން މައުލޫމާތު ސާފު ކުރަން މަޖިލީހުން އެކޮމިޝަނަށް ސިޓީ ފޮނުވުމުގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ހާލަތު ބެލުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، ޖަލުތަކުގައި ކުރެވޭ މުއާމަލާތްތައް މިވަގުތު ބަންދުވެފައިވާއިރު، އެޗްއާރުސީއެމަށް މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުވެސް ބަދަލުވެފައިވާއިރު، ޖަލުގައި ތިބޭ މީހުނަށް ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ހަމަޖައްސާފައި ނުވުމުގެ އިތުރުންވެސް އިތުރު ބައެއް ކަންތައްތައް ވަނީ އެ ރިޕޯޓްގައި ފާހަގަ ކޮށްފައެވެ.
އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި މެންބަރު މޫސާ އަލީ ކަލޭފާނާއި މެންބަރު ނައިވީން އަބްދުﷲ ގެ އިތުރުން މެންބަރު އާއިޝަތު އަފްރީން މުހައްމަދެވެ. މި ފަސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު