ރާއްޖޭގައި ދޮޅުމަހުގެ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އިއްޔެ ފެނުނު ކޭސްތަކުގެ ތެރޭގައި ދޮޅުމަހުގެ ތުއްތު ފިރިހެން ކުއްޖަކު ހިމެނޭ ކަމަށެވެ. ނަމަވެސް ތުއްތު ކުއްޖާ މިވަގުތު ހުރީ ކޮންތަނެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

ރާއްޖޭގައި އިއްޔެ 47 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 43 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ ތިން މީހަކާއި އިންޑިއާ މީހެކެވެ.

ކޮވިޑުގެ ތަފާސް ހިސާބުތައް އަޕްޑޭޓް ކުރަމުން އަންނަ އެޗްޕީއޭގެ ޑޭޝްބޯޑުން ފެންނަ ގޮތުގައި، އިއްޔެ ޕޮޒިޓިވް ވި ކޭސްތަކުގެ ތެރޭގައި ދޮޅުމަހުގެ ތުއްތު ކުއްޖާއާއެކު 14 ކުޑަކުދިން ހިމެނެއެވެ. އެއީ ފަސް އަހަރުން ދަށުގެ ހަތް ކުދިންނާއި ފަސް އަހަރުން މަތީގެ ހަތް ކުދިންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދު 2664 އަށް އަރާފައިވާއިރު އޭގެ ތެރެއިން އުމުރުން 10 އަހަރުން ދަށުގެ 94 ކުއްޖަކު ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 13 މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ އަށް ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.