ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އަލީ ވަހީދަށް އެންގެވުމުން ވެސް އިސްތިއުފާ ދެއްވާފައިނުވާތީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ކައުންސިލަށް ހުށައަޅަން ނިންމައިފި އެވެ.
ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް އަންގަވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ދެއްވާފައި ނުވާތީ، އޭނާ އެ މަގާމުން ވަކިކުރެއްވި ދުވަހެވެ.
ޖޭޕީގެ އޮފިޝަލަކު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޖޭޕީގެ ލީޑަރުގެ އެންގެވުމާ އެއްގޮތަށް ޕާޓީގެ ރައީސް ކަމުން އަލީ ވަހީދު އަދިވެސް އިސްތިއުފާ ދެއްވާފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކައުންސިލަށް ހުށަހަޅަން ނިންމާފައި ކަމަށް ވިދާޅުވިއެވެ.
އަލީ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ނިންމާފައިވާއިރު، ޕާޓީގެ ރައީސް ކަމުންނާއި މެންބަރުކަމުން އަލީ ވަހީދު ވަކިކުރަން އެޕާޓީގެ ކައުންސިލަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.
އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އެގޮތުން އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ސީދާ ރައީސް ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާވެސް ބައްދަލުކުރައްވައި ހިއްސާ ކުރައްވައިފައެވެ.
ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަތައް މުވައްޒަފުންނަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަލީ ވަހީދާ އެކު ދަތުރެއްގައި ރިސޯޓަކަށް ގޮސް ހުއްޓައި ޖިންސީ ފުރައްސާރައިގެ މައްސަލަ ކުރިަމތިވުމުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު މޫދަށް ފުންމައިލި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައި ވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އަދި މިރޭގެ ވަގުތެއްގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކުރަން ފުލުހުން ވަނީ ފަށައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު