ހުޅުމާލޭގައި ހުންނަ ޖިމަކާ ގުޅުން ހުރި އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ޖިމަކާ ގުޅުން ހުރި އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭގެ ކޮން ޖިމެއް ކަމެއް ނަޒްލާ ހާމައެއް ނުކުރައްވައެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއްވެސް ނުދެއްވައެވެ.
ނަޒްލާ ވިދާޅުވީ އޮފީސްތައް ހުޅުވުމާއެކު އެތަންތަނުގައި މަސައްކަތް ކުރާ މުއައްޒަފުން ޕޮޒިޓިވް ވަމުންދާ ކޭސްތައް މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޮލްޑިވްސްއާއި ދަރުމަވަންތަ ސްކޫލްގައި މަސައްކަތް ކުރާ މީހަކާއި ޓްރީޓޮޕްގެ ނަރުހަކާއި އައިޖީއެމްއެޗްގެ ނަރުހަކާއި މަޖިލިސް ޑްރައިވަރެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ނިއު ނޯމަލްގެ ދަށުން ޖިމްތައް ހުޅުވާލުމުގެ ފުރުސަތު ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ހުޅުވާފައި ހުންނައިރު އަމަލުކުރަން ޖެހޭނީ އެޗްޕީއޭއިން އަންގާ އުސޫލުތަކަކާ އެއްގޮތަށެވެ.
އެގޮތުން އެއް ވަގުތެއްގައި ހިދުމަތް ހޯދުމަށް އަންނަ މީހުންގެ އަދަދު ކަނޑައަޅައި ޝެޑިއުލެއް ހަދަން ޖެހޭނެއެވެ. ޖިމް އަދި ފިޓްނަސް ސެންޓަރުތަކުން ހިދުމަތް ހޯދުމުގައި ދުރާލައި އެޕޮއިންޓްމަންޓް ހޯދައިގެން ހިދުމަތް ހޯދޭނެ ގޮތެއް ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުން ހަމަޖައްސަން ޖެހޭނެއެވެ. އަދި މިއީ މިފަދަ ތަންތަނުގެ ހިދުމަތް އެއް ވަގުތެއްގައި ހޯދާ މީހުން މަދު ކުރުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅެއް ކަމަށް އުސޫލުގައިވެއެވެ.
މީގެ އިތުރުން ހުން އައިސް ކެއްސުން ފަދަ ކޮވިޑް 19ގެ އަލާމާތެއް ހުރި ނަމަ ޖިމް އަދި ފިޓްނަސް ސެންޓަރުތައް ފަދަ ތަންތަނަށް ނުދިއުމަށް ބުނެފައިވެއެވެ. ޖިމްތަކަށް ދާ މީހުން މަދުވެގެން ތިން ފޫޓު ދުރުގައި ތިބެގެން، ގައިދުރުކަމާއެކު ހަރަކާތްތެރި ވެވޭނެކަން ކަށަވަރުކުރެވެން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު