ލުއި ދިނީމަ މިހާރު މި ފެންނަނީ އެއްވެސް ބަލައިލުމެއް ނެތި އުޅޭ ތަން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އެއްވެސް ކްލަސްޓާއަކާ ނުލައި ބަލި ޖެހޭ މީހުންގެ ތެރޭގައި ދިވެހިންގެ ނިސްބަތް ގިނަ ކަމަށެވެ.

"އެހެންވީމަ އޭގެން އަޅުގަނޑުމެންނަށް ދޭހަވާނެ މާނައަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ހެލިފެލިވެއުޅުމާއި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މަދުވީމައޭ އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ނޮން ލިންކް ކޭސްތައް މިފެންނަނީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އަލުން އަނބުރާ ލޮކްޑައުންއަކަށް ދިއުމާ ނުދިއުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ނަމަވެސް ލޮކްޑައުނަށް އަލުން ދިއުމުގައި ބަލާ ޓްރިގާ ޕޮއިންޓްތަކެއް ހުންނަ ކަމަށެވެ. ނަމަވެސް މިހާރުގެ ޑޭޓާތަކަށް ބަލާއިރު ލުއިދިނުމުގެ ހާލަތުގައި އޮވެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ލުއިތައް ދިން ނަމަވެސް ބައެއް ފަހަރު އެއްވެސް ބަލައިލުމެއް ނެތި އުޅޭތަން ފެންނަ ކަމަށެވެ. އެގޮތުން މާސްކް އަޅައިގެން ނޫޅުމާއި ގިނައިން އެއްތަނަކަށް މީހުން ޖަމާވެ އުޅުމާއި، ގައިދުރުކަން ނުބެހެއްޓުން ފަދަ ކަންކަން ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.