ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޮފިޝަލަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން 31 މީހަކު ކަރަންޓީންކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެފްއޭއެމްގެ އޮފިޝަލުގެ ފަރާތުން ކޮވިޑް ސިމްޓަމްސް ފެނިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ކަމަށާއި ނަތީޖާ ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

"މި ކޭސްއާ ގުޅިގެން މިހާރު 31 ފަރާތެއް ވަނީ ކަރަންޓިން ކުރެވިފައި،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އޮފީސްތައް ހުޅުވުމާއެކު އެތަންތަނުގައި މަސައްކަތް ކުރާ މުއައްޒަފުން ޕޮޒިޓިވްވަމުންދާ ކޭސްތައް މިހާރު ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޮލްޑިވްސް އާއި ދަރުމަވަންތަ ސްކޫލްގައި މަސައްކަތް ކުރާ މީހަކާއި ޓްރީޓޮޕްގެ ނަރުހަކާއި އައިޖީއެމްއެޗްގެ ނަރުހަކާއި މަޖިލިސް ޑްރައިވަރެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން "ވަން" ވިދާޅުވީ މިމަހުގެ ދެވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި އިސްކޮށް އުޅުއްވި އެތަނުގެ މުވައްޒަފަކު ޕޮޒިޓިވުމުން އެކަން އެޗްޕީއޭއިން އެފްއޭއެމްއަށް އަންގާފައިވާ ކަމަށެވެ. އަދި އެދުވަހު އެތަނުގައި އުޅުނު، އެތަނުގެ މުވައްޒަފުން މިހާރު ވަނީ ޓެސްޓުކޮށް ނެގެޓިވްކަން އެނގިފައި ކަމަށެވެ.

އެކަން ހިނގިތާ ހަތް ދުވަސް ފަހުން އެޗްޕީއޭއިން އިއްޔެ އެކަން އަންގާފައިވާއިރު ބުނެފައިވަނީ ދުވަސް ގުނާނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި 14 ދުވަސް ހަމަވުމުން ޓެސްޓު ހެދުމަށް ގުޅާނެ ކަމަށް އެޗްޕީއޭއިން ވަނީ "ވަން" ގެ ނޫސްވެރިންނަށް އަންގައިފައެވެ. ހަމަ މިގޮތަށް އެދުވަހުގެ އިވެންޓަށް ދިޔަ އެހެން ބައެއް މީޑިއާތަކަށް ވެސް އަންގާފައިވެއެވެ.

އެހެން ނަމަވެސް ކޮވިޑުގެ އަލާމާތް ހުންނަ މީހުން ޓެސްޓު ކުރުމަށްފަހު ޓެސްޓުކުރާ ދުވަހުން ފެށިގެން 14 ދުވަސް ފުރިހަމަކުރަން ޖެހޭގޮތަށް އެޗްޕީއޭއިން ބައެއް ކޭސްތަކުގައި އަމަލުކުރަމުންދެއެވެ.