އިއްޔެ ނިޔާވި 70 އަހަރުގެ އަންހެން މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 26 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ހެލްތު އިމަޖެންސީ ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ ނިޔާވި މީހާ އައިޖީއެމްއެޗަށް ގެނެވިފައިވަނީ އިއްޔެ މެންދުރު 1:00 ގައި ކަމަށާއި އޭނާ މަރުވި ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވަނީ 1:10 ހާއިރު ކަމަށެވެ. ސާމްޕަލް ނެގިފައިވަނީ 1:45 ހާއިރު ކަމަށާއި ސަހަރާއަށް ގެންގޮސްފައިވަނީ 1:50 ހާއިރު ކަމަށެވެ. އަދި ކޮވިޑްގެ ނަތީޖާ ލިބުނީ 3:30 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުފައިވާ ކަމަށާއި އޭނާއަކީ ހަކުރު ބަލި ފަދަ ކޮރޯނިކް ބަލިތަކަށް ފަރުވާ ހޯދަމުން އައި ފަރާތެއް ކަމަށެވެ.

"މި ކޭސްއާ ގުޅިގެން މިވަގުތު 26 ފަރާތެއް ކަރަންޓީން ކުރެވިފައި ވަނީ ކޮންޓެކްޓްގެ ގޮތުގައި،" ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް އެޗްއީއޯސީގެ ޓީމާއި އައިޖީއެމްއެޗުން އިންޓާނަލީ ބަލަމުންގެންދާ ކަމަށެވެ.

އިއްޔެ މަރުވި މީހާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވި 13 ވަނަ މީހާއެވެ. އޭނާއަކީ މިމަހުގެ ތެރޭ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ހަތަރުވަނަ މީހާއެވެ. އެ ހަތަރު މީހުންނަކީ ވެސް އުމުރުން ދުވަސްވީ ހަތަރު ދިވެހިންނެވެ. އޭނާއާއެކު މިހާތަނަށް ޖުމްލަ އަށް ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ.