ކުއްލި ޚަބަރު

ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ޖޭޕީގެ ލީޑަރު ގާސިމް، އަލީ ވަހީދަށް އަންގަވައިފި

އަލީ ޔާމިން

1

ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އަލީ ވަހީދަށް އަންގަވައިފިއެވެ.

ޖޭޕީގެ އިސް އޮފިޝަލަކު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވުމަށް ޖޭޕީގެ ލީޑަރު ގާސިމް، އަލީ ވަހީދަށް މިއަދު އަންގަވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހުއަށް "ވަން" އިން ގުޅައިލުމުން އެކަން ދޮގުކުރައްވައިފައެއް ނުވެއެވެ.

ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު އިސްތިއުފާދެއްވުމަށް އަންގާފައިމިވަނީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ، ޓޫރިޒަމް މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު އަންގަވާފައި ވަނިކޮށެވެ.

ފުލުހުން ވެސް އަންނަނީ އަލީ ވަހީދާ ގުޅޭ ޖިންސީ ގޯނާގެ މައްސަލައެއް ތަހުގީގުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއެކު މަގާމުން އިސްތިއުފާދެއްވަން ރައީސް ސޯލިހު އޭނާއަށް އެންގެވި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފައެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ. ނަހުލާއާ ގުޅޭގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރައަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފައެވެ.