ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން މަގާމުން ވަކިކޮށްފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ މަގާމަށް އައްޔަން ކުރެއްވި ހައްސާން "ވަން" އަށް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުން އެންގީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވަކިކުރި އިރު އެއްވެސް ސަބަބެއް ބުނެފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރާ އެއްވެސް ތުހުމަތެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތަކުން ދިފާއުވުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
އަލީ ވަހީދާ ގުޅޭ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވުމުން އެ މަގާމުން އޭނާ އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވަނީ އަންގަވައިފައެވެ. ނަމަވެސް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވުމުން ރައީސް މިއަދު ވަނީ އެ މަގާމުން އޭނާ ވަކިކުރައްވައިފައެވެ.
އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ އިއްޔެގެ ވަގުތެއްގައި ރައީސް ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާވެސް ބައްދަލުކުރައްވައި ހިއްސާ ކުރައްވައިފައެވެ.
އެގޮތުން އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތި ވެ އެކަން ހުށަހަޅާފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު ނުވަޔަކަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދޭއިރު، އަނެއްބައި މަސްދަރުތަކުން ބުނަނީ ހަތް މުވައްޒަފުން ކަމަށެވެ.
މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީސް މާހައުލުގެ ބޭރުން ވެސް އަލީ ވަހީދުގެ ފުށުން ޖިންސީ ގޯނާގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނީ، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު