ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައި މިނިސްޓަރުކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާއެކު ސަރުކާރު ބަދުނާމު ވެއްޖެ ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންވެސް ބުނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސްއަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލީ ވަހީދަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ސަަބަބުން ސަރުކާރު ބަދުނާމު ވެއްޖެ ކަމަށާއި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވީ، ރައީސް ސޯލިހު އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް ދުރާލައި ނޭޅުއްވުމުން ކަމަށެވެ.
"ފިޔަވަޅު ނޭޅުމުގެ މާނައަކީ އެކަން ކުރުމަށް ހިތްވަރު ދިނުން. ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ސޯލިހު." އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ގައުމުގެ އިޖުތިމާއީ ފޭރާން މުޅިން ވީރާނާވެފައިވާ ކަމަށެވެ.
އާދަމް ޝަރީފްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
"ސަރުކާރުގެ އިސްވެރިންނަށް ކޮވިޑް 19ގެ ލޮކްޑައުން ވެގެންދިޔައީ އިސްރާފުބޮޑު އީދަކަށް. ދީނަށް ފުރައްސާރަކުރުން، ރޭޕް އަދި ބަނގުރަލުގެ މައްސަލަތައް ބެލުމުގެ ޝައުގުވެރިކަން ސަރުކާރުގެ ހުރިނަމަ މި ނިންމުން އަވަސް ވީސް" ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ސަބަބުން އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށް ރައީސް އެންގެވި ހަބަރު ޓްވީޓު ކުރައްވަމުން ޝިޔާމް ވިދާޅުވެފައި ވެއެވެ.
އަލީ ވަހީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިހުލާސްތެރިކަމާއެކު ރައްޔިތުންނާއި ގައުމަށްޓަކައި ބުރަ ހިދުމަތެއް އަދާކޮށްދެވުނީތީ ފަހުރުވެރިވާ ކަމަށާއި ތެދު ހާމަވާނެ ވަގުތު އަންނާނެ ކަމަށެވެ.
އަލީ ވަހީދަކީ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. އަލީ ވަހީދަށް އެމަގާމު ލިބިވަޑައިގެންނެވީ ސަރުކާރު ހިންގާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ޖޭޕީގެ ރައީސަކީ އަލީ ވަހީދެވެ.
އިސްތިއުފާދެއްވަން ރައީސް ސޯލިހު އެންގެވި ނަމަވެސް އަލީ ވަހީދު އިސްތިއުފާދެއްވާފައި ނުވާތީ، ރައީސް ސޯލިހު ވަނީ މިއަދު ހެނދުނު އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރައްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު