ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ މިއަދު މެންދުރު 1:00ގައި 70 އަހަރުގެ ދިވެހި އަންހެނެއް އައިޖީއެމްއެޗަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށާއި އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 13 ވަނަ މީހާއެވެ. މިއީ މިމަހުގެ ތެރޭ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ހަތަރުވަނަ މީހާއެވެ. އެ ހަތަރު މީހުންނަކީ ވެސް އުމުރުން ދުވަސްވީ ހަތަރު ދިވެހިންނެވެ.

އޭނާއާއެކު މިހާތަނަށް ޖުމުލަ އަށް ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެ އަށް ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. އަދި ކޮވިޑް ޖެހިގެން ރާއްޖެއިން ގިނައިން މަރުވެފައިވަނީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.

މާލޭގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާ އިރު، ސަރުކާރުން ވަނީ ކޮވިޑާ ގުޅިގެން އިއުލާނުކުރި ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

މިހާތަނަށް ރާއްޖެއިން 2501 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 2158 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 325 މީހެކެވެ.