ވަކީލުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތަށް އަންގައި ހައިކޯޓުގައި މިއަދު ބޭއްވި އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައިފިއެވެ.
ހައި ކޯޓުގައި މިއަދު ކުރިއަށްދިޔައީ، ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ދެވަނަ އަޑުއެހުމެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށްފަހު، މި މައްސަލައިގައި ވާހަކަ ދެއްކެވުމަށް ރައީސް ޔާމީނާއި ދައުލަތުގެ ވަކީލުންނަށް 30 މިނެޓް އަދި އެ ފުރުސަތަށްފަހު، މައްސަލައާ ގުޅޭގޮތުން ދެ ފަރާތުން ކޮންމެ ބަޔަކަށް ވެސް 10 މިނެޓްގެ ވަގުތެއް ދެއްވުމަށް ފަނޑިޔާރު ނިންމެވިއެވެ.
މީގެ ކުރީގައި ބޭއްވި ޝަރިއަތުގެ އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތުން ހުށަހެޅި 75 ނުކުތާއަށް ދައުލަތުގެ ފަރާތުން ރައްދު ދީފައިވާތީ، މިއަދުގެ ޝަރިއަތުގެ އަޑުއެހުމުގައި ފުރަތަމަ ފުރުސަތު ދެއްވީ ރައީސް ޔާމީނަށެވެ. އެ ފުރުސަތުގައި، ރައީސް ޔާމީންގެ ފަރާތުން ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
ޖަމީލު ވިދާޅުވީ، އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި، ހިމެނޭ އޭސީސީގެ ތަހުގީ ރިޕޯޓާއި އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގެ ތެރެއިން އެއްވެސް ރިޕޯޓެއްގައި ވެސް ރައީސް ޔާމީންގެ މައްޗަށް އެއްވެސް ތުހުމަތެއް ވެސް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން މައްސަލައިގައި ދައުލަތުން ހުށަހެޅި ކަންތައްތަކަށް ބަލާއިރު، ރައީސް ޔާމީން ކުރެއްވި ކުށެއް ދައުލަތަށް ސާފު ކޮށްދެވިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނާ ދެކޮޅަށް ޝަފަކީ ހެކީގެ ގޮތުގައި ހުށަހެޅި، އެންމެ މުހިއްމު ހެކިން ކަމުގައިވާ އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަލައިގަނެވިގެންނުވާނެ ކަމަށެވެ. އެމީހުންގެ ތެރެއިން މުއައްވިޒު ހެކި ބަސް ދިނުމުގައި ދޮގު ހަދާފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
އެގޮތުން އެމްއެމްޕީއާރުސީގެ ފައިސާއާގުޅޭ ގޮތުން ރައީސް އޮފީހުގައި ރައީސް ޔާމީނާ ބައްދަލުކުރެއްވި ކަމަށް މުއައްވިޒު ވިދާޅުވި އިރު، އެފަދަ ބައްދަލުވުމެއް ނުބާއްވާ ކަމަށް ރައީސް ޔާމީނާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައިވާ ކަމަށާއި އަދި ރައީސް އޮފީހާއި އޭސީސީން ވެސް އެ ބައްދަލުވުން ބޭއްވި ކަމުގެ އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީނާ ދެކޮޅަށް ދެން ކެހިބައް ދިން ޒިޔަތާއި އަދީބަކީ ކޮރަޕްޝަންގެ މައްސަލައިގައި ހުކުމް އިއްވާފައި ތިބި ދެމީހުން ކަމުން އެއީ ދެ ފާސިގުން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ފާސިގުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޖަމީލު ވާހަކަތަކަށްފަހު ފަނޑިޔާރު ދެއްވި ފުރުސަތުގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ސީނިއާ ޕްސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ އެ މައްސަލައަކީި އެމްއެމްއޭއިން ފުލުހުންނަށް ހުށަހެޅި އެސްޓީއާރެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު ރައީސްގެ ޔާމީންގެ މައްޗަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި މިއީ އޭސީސީން ކުރި ތަހުގީގަކާ ގުޅިގެން ކުރިއަށްދާ މައްސަަލައެއް ނޫން ކަމަށާއި އެ މައްސަލައާއި އޭސީސީން ހިންގި ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ފަހުބަސް ބުނަން ފުރުސަތު ދެއްވުމުން ރައީސް ޔާމީން ވަނީ މި މައްސަލައިގައި ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ. އެގޮތުން އެއްތަނެއްގައި ތިބެގެން ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ލިބިވަޑައިނުގަންނަވާ ކަމަށާއި އަދި ވަކީލުންނާ ވާހަކަ ދައްކަން ލިބިވަޑައިގަންނަވަނީ 10 މިނެޓްގެ ފުރުސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިސް ފަނޑިޔާރު ވިދާޅުވީ، އެގޮތަށް ދޭ 10 މިނެޓްގެ ފޯން ކޯލަކުން އެކަން ނުކުރެވޭނެ ކަމަށެވެ. އަދި ވަކީލުންނާ ބައްދަލުކުރުން އޮންނަ ގޮތް ޝަރީއަތުގެ މަޖިލީހަށް އޮޅުން ފިލުއްވައި ދެއްވުމަށް ފަނޑިޔާރު ދައުލަތުގެ ވަކީލުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
އެކަމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މިހާރު އޮތް ހާއްސަ ހާލަތުގައި ވަކީލުންނާ ފިޒިކަލީ ބައްދަލު ކުރެވޭނެ ގޮތެއް، ޝަރީއަތުގެ މަޖިލީހަށް ބުނެދެވޭނީ ކަރެކްޝަނަލް ސާވިސްއާ ވާހަކަ ދެއްކުމަށްފަހު ކަމަށެވެ. އެހެންކަމުން އެ ކަންތައްތައް އޮންނަ ގޮތް މާދަމާ ކޯޓު ބަންދުވުމުގެ ކުރިން ކޯޓަށް ހުށަހަޅުއްވައި ދެއްވުމަށް ފަނޑިޔާރު ދައުލަތުގެ ވަކީލުންނަށް އެންގެވިއެވެ.
ވަކީލުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވުމުން ޝަރީއަތް އިތުރަށް ލަސްވެދާނެކަން ފާހަގަކުރައްވައި އިސް ފަނޑިޔާރު ވިދާޅުވީ، ޝަރިއަތް ލަސްވުމުގެ މައްސަލައަކީ ދައުވާ ލިބޭ ފަރާތުން ފާހަގަކުރާ ކަމެއް ކަމަށާއި މިއަދުގެ ޝަރީއަތުގެ މަޖިލީހަކީ މައްސަލައިގެ އަޑުއެހުންތައް ނިންމާލަން ބޭއްވި ޝަރީއަތުގެ މަޖިލީހެއް ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންނާ ބައްދަލުކުރުމުގެ ފުރުސަތެއް ދެއްވައިފިނަމަ، ކޯޓުގައި ޝަރީއަތްތައް ތާވަލުކުރެވިފައި އޮތް ގޮތުން އެ ޝަރީއަތް ލަސްވުމަކީ އެކަށީގެންވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް އެ ފުރުސަތު ބޭނުން ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، އެކަން ދައުލަތުން ހަމަޖައްސައި ދިނުމަށް ދައުލަތުގެ ވަކީލުންނަށް ފަޑިޔާރު އެންގެވިއެވެ. އަދި އެ ބައްދަލުވުމާގުޅޭ މައުލޫމާތު ކޯޓަށް ދެއްވުމަށް ރައީސް ޔާމީންގެ ވަކީލުންގެ ކިބައިން އެދިވަޑައިގެން އެކަން އެގޮތަށް ހަމަ ނުޖެހިއްޖެނަމަ ކޯޓުން އެކަން ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ރައީސް ޔާމީނަށް މައްސަަލައާ ގުޅޭ ގޮތުން ފަހުބަސް ބުނުމުގެ ފުރުސަތު ދެއްވުމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު