ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބަކީ އެ އެސޯސިއޭޝަނާއި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާގެ ގާނޫނުތަކާއި ގަވައިދުތަކާ އެއް ގޮތަށް ބޭއްވި އިންތިހާބެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް އެހެން ވިދާޅުވީ، އެފްއޭއެމް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ އެސޯސިއޭޝަނަށް ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި ގަރާރުގެ މައްސަލަ ދިރާސާ ކުރަމުން އަންނަ އިޖްތިމާއީ ކޮމިޓީއަށް މިއަދު ހާޒިރުވެ ވާހަކަދައްކަވަމުންނެވެ.
ކޮމިޓީގެ ބައްދަލުވުމުގައި މަޑަވެލި ދާއިރާގެ މެންބަރު އަހްމަދު ފިރުޝާން ވަނީ އެފްއޭއެމްގެ އިންތިހާބު ބާއްވާފައިވަނީ އެ އެސޯސިއޭޝަނާއި ފީފާގެ ހިންގާ ގަވައިދާ އެއްގޮތަށްތޯ ސުވާލު ކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ގަވައިދުގައި ބުނާގޮތުން އެ އެސޯސިއޭޝަންގެ ދައުރަކީ ހަތަރު އަހަރު ކަމަށެވެ. އަދި ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިހާބެއް ބޭއްވުމަށް ފީފާ އިން އަންގާފައި އޮންނަ ކަމަށެވެ.
ނަމަވެސް އެފްއޭއެމްގެ ދައުރު ގުނަނީ އަހަރުން އަހަރަށް ކަމަށްވާއިރު މިދިޔަ ދައުރަށް އޭނާ އިންތިހާބުވީ ނޮވެމްބަރު 20، 2016ގައި ކަމުން 2020 ވަނަ އަހަރުގެ އެމުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ކޮންމެ ދުވަހެއްގައި އިންތިހާބު ބޭއްވި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް ފީފާ އިން އަންގާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގޮސްފައި މިއޮތީ އަޅުގަނޑުމެންގެ ސްޓަޓިއުޓާއި ފީފާގެ ސްޓަޓިއުޓާ އެއްގޮތަށް،" ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމްގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ދައްކާ ވާހަކަތައް ދޮގުކޮށް ބައްސާމް އިތުރަށް ވިދާޅުވީ އެފްއޭއެމްގެ ތެރޭގައި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެފްއޭއެމްއާ ގުޅިގެން ކުރާ ތުހުމަތުތަކާ ގުޅިގެން ހިންގާ ހުރިހާ އޮޑިޓެއް ވެސް މެންބަރު ކުލަބްތަކަށާއި އެ އިދާރައިގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަށް ގަވާއިދުން ހިއްސާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެފްއޭއެމް ތެރޭގައި ނުރަނގަޅު އެއްވެސް އަމަލެއް ހިންގިޔަކާ ނުދޭނަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ފީފާ އާއި އޭއެފްސީގެ ސްޓެޓިއުޑްސް އާއި ރާއްޖޭގެ ހެދިފައި އޮންނަ ކުޅިވަރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް،" ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމްގެ ތެރޭގައި ކޮރަޕްޝަން ނެތް ކަމަށް ބައްސާމް ވިދާޅުވި އިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި ބައްސާމް ބައިވެރިވެފައިވާކަން އެނގެން އޮތްއިރު ވެސް އެ މައްސަލައިގެ ތަހުގީގު ލަސްވަނީ ކީއްވެގެންތޯ އާޒިމް ވަނީ ސުވާލު އުފައްދަވައިފިއެވެ.
އާޒިމް ހުށަހެޅުއްވި ގަރާރާ ގުޅިގެން އިޖްތިމާއީ ކޮމިޓީއަށް ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ބޮޑު ހީނާ) ވަނީ އިއްޔެ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު