ރާއްޖޭގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓުވުމަށް، ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް ގޮވާލައި މަޖިލީހަށް ގަރާރު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެވެ.

މި ގަރާރު ހުށަހަޅުއްވަމުން ހައިތަމް ވިދާޅުވީ އެންމެބޮޑު މަގުސަދަކީ ކުޑަ ކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުން ކަމަށެވެ.

މިހާރަށްވުރެ ބޮޑަށް ދައުލަތުން އެކަންކަމަށް ސަމާލުކަން ދިނުމަށާއި، ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް، ދައުލަތުން ކުރާ ހޭދަ މިހާރަށްވުރެ އިތުރުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކޭސް ސްޓެޓިސްޓިކްސް ރިޕޯޓުގައި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހިިމަނާފައިވާ ބައެއް މައުލޫމާތުތައްވެސް ހައިތަމް ވަނީ އެ ރިޕޯޓާއެކު މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އެ ރިޕޯޓްގައިވާ ގޮތުން، އެ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުޑަކުދިންނާބެހޭ 2177 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ ތެރެއިން 1097 މައްސަލަޔަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން 314 މައްސަލަޔަކީ ކުޑަކުދިންނަށްކުރާ ޖިންސީ ހާނިއްކަ ކަމަށްވެސް މި ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ މަގުސަދު ހާސިލް ކުރުމަށް، ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ގާއިމު ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރު ކުރުމަށާއި، ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ދާއިރާގެ ފަންނީ މާހިރުން އިތުރު ކުރުމަށް ވަނީ ހުށަހުއްވައިފައެވެ. މީގެ އިތުރުން އެކަމަށް ޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި، ބަދަލުތައްވެސް ގަރާރުގައި ވަނީ ހުށަހަޅުއްވައިފައެވެ.

އެގޮތުން ކުދިންގެ ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާގެ ފަންނީ މާހިރުން އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ. މީގެ އިތުރުން ކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދިންނަށް އިހާނެތިވާ ފަރާތްތަކާއި އެ ކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ވަނީ ހުށަހަޅުއްވައިފައެވެ.

މީގެ އިތުރުން ކުދިންނަށް ކުރާ، ޖިންސީ ގޯނާ ހުއްޓުވުމަށްޓަކައި ފޮސްޓަރ ކެއާރ ސިސްޓަމް ގާއިމުކުރަން ސޯޝަލް ވޯކާސް ތަމްރީނު ކުރުމާއި، އިދާރީ އޮނިގަނޑުތަކެއްގެ މަތިން ފޮސްޓަރ ކެއާރ ސިސްޓަމް ހިންގުމަށް ވަކި ސެކްޓަރެއް ގާއިމްކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދައުލަތުގެ ފޮސްޓަރ ކެއަރ ހޯމެއް ގާއިމްކޮށް، ކޮންސަލްޓެންޓުން އަދި ތެރަޕިސްޓުން ކަނޑައެޅުމަށްވެސް އެގަރާރުގައި ވަނީ ހުށަހަޅުއްވައިފައެވެ.