ނިއުރޭޑިއަންޓާއި ވިކްޓްރީ ސަސްޕެންޝަނުން ސަލާމަތް ކޮށްދިނުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އޮތީ ތައްޔާރަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ނިއުރޭޑިއަންޓް އާއި ވިކްޓްރީ ގެ މައްސަލަ ހައްލު ކުރެވެން އޮތީ އެޓީމުތަކުގެ އެއްބާރުލުން ލިބިގެން ކަމަށާއި އެހެންކަމުން މަޝްވަރާކޮށް އެކަން ކުރެވެން އޮތީ ކޮން ގޮތަކަށްތޯ ބަލައި ދެވެން އޮތް އެހީއެއް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮށްދެވޭނެހާވެސް ކަމަކީ މިހާރުވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑުމެންނާ މަޝްވަރާ ކުރަން ވަޑައިގަންނަވާށޭ. މީގެން ހައްލުތަކެއް ހޯދޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން ހިނގާށޭ. އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް، ހަމަ މިހާރުވެސް މިދަންނަވަނީ އަޅުގަނޑުމެން މިތިބީ އެފްއޭއެމުން ތައްޔާރަށް." ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކުޅުންތެރިންނަށް ލިބެންޖެހޭ އުޖޫރަ ހޯދައިދިނުމަކީ އެފްއޭއެމްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ކުޅުންތެރިން މައްސަލަ ހުށަހެޅުމުން އެކަން އެފްއޭއެމް އިން ބަލަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ނިއުރޭޑިއަންޓް އާއި ވިކްޓްރީ ސަސްޕެންޑް ކުރުމުގެ ކުރިން އެ ދެޓީމަށް ވަރަށް ގިނަ ފަހަރު މަތިން އަންގައިގެން ވެސް ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދީފައި ނުވާ ކަމަށެވެ. އެހެންކަމުން ގިނަ މުހުލަތު ތަކެއް ދިނުމަށްފަހު އެކަން ރަނގަޅު ނުކުރުމުން އެކްސްކޯއަށް ލިބިގެންވާ ބާރުގެ ދަށުން ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ.

"ހަމަ އެހެން އެހެން ކްލަބްތަކުގަ ވެސް ހުރި. އެކުލަބުތަކަށް އަޅުގަނޑުމެން ސިޓީއަކުން އަންގާލާއިރު ހުރިހާ ސެލަރީގެ ކަންތައްތައް ހައްލު ކުރަމުންދޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ނުލިބިފަ މިއޮތް ދެތަނަކީ ނިއުރޭޑިއަންޓާއި ވިކްޓްރީ. ވަރަށް ގިނަ ފަހަރު، ވަރަށް ގިނަ މުއްދަތުތަކެއް ދެވިގެން ވެސް ނުވެގެން އެންމެފަހުން އަޅުގަނޑުމެންނަށް ޖެހުނީ އެގްޒެކެޓިވް ކޮމިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ޓެމްޕެރަރީ ސަސްޕެންޝަނެއް ގެނައުން. އެޔަށްފަހުގަ ކޮންގްރެސް އަކަށް އަޅުގަނޑުމެން ހުށަހަޅަން ޖެހޭ. ދެން ކޮންގްރެސް އިން އެ ދަމަހައްޓާނީތޯ ނުވަތަ ލިފްޓް ކުރާނީ ތޯ ނިންމަވާނީ." ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ސަސްޕެންޝަނުން ސަލާމަތްކޮށްދިނުމަށް މީގެ ކުރިން ވިކްޓްރީ އަށް އެފްއޭއެމުން ލޯނުވެސް ދޫކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކުލަބުގެ ފަރާތުން ވެސް އެއްބާރުލުމެއް ނުލިބޭކަމަށް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ނިއުރޭޑިއަންޓްގެ މިހާރުގެ ޗެއާމަން އާ އިންތިހާބުގެ ކުރިން ވަރަށް ގިނަ ފަހަރު ބައްދަލުކުރައްވާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ. މި މައްސަލައިގައި ކަންކަން ކުރެވޭނީ ކިހިނެއްތޯ އަދި ވަރަށް ރަނގަޅަށް އެކަން ހިނގައިފައިވާ ގޮތް ވިދާޅުވެދެއްވައި ކަންތައްތައް ކުރަންވީ ގޮތް ވެސް ވިދާޅުވެދެއްވާފައި ވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"މިވެނި ގޮތަކަށް ހަދައިފި ނަމަ މިކަންކަން ކުރެވިދާނެ ކަމަށް. އެހެންވީމަ ހުރިހާ އެއްޗެއްވެސް ގޮސް ނިމިފަ މިއޮންނަނީ ހަމަ ކުޅުންތެރިންނަށް ދޭން ވާ ސެލެރީއަށް މި މަޑުޖެހެނީ. އެހެންވީމަ ކުޅުންތެރިންނާއި މަޝްވަރާކޮށްގެން ވަކި ޕޭމަންޓް ޕްލޭނެއްގެ ދަށުން އެކަން ކުރެވޭތޯ އެވިސްނުންވެސް ހިއްސާކޮށްލިން. ދެން މީގެން ސަލާމަތް ވުމަށްޓަކައި ކުރެވޭނެ ކަންކަން އޮތީ އެކުލަބެއްގެ އަތްމަތީގައި." ބައްސާމް ވިދާޅުވިއެވެ.