ކުއްލި ޚަބަރު

އެޗްޕީއޭގެ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް މާލޭ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ކުރިއަށްގެންދަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް މާލޭ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން އަހުމަދު ނާސިރު ވިދާޅުވީ އެ މާސް އިންފެކްޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި އެ އިންސްފެކްޝަން ކުރިއަށްގެންދަނީ އެޗްޕީއޭ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، މާލެ ސިޓީ ކައުންސިލް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ރެޑްކްރެސެންޓް (އެމްއާރުސީ)، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ވެމްކޯ ގުޅިގެން ކަމަށެވެ.

"މާސް އިންސްޕެކްޝަން ރާވާފައި މިވަނީ 12 ޖުލައިގައި ކުރިއަށްގެންދިއުމަށް. އެގޮތުން އަޅުގަނޑުމެން މި މާސް އިންސްޕެކްޝަނުގައި ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނާއި ފިހާރަތަކާއި އަދި ސެލޫން، ބޯކޮށާ ތަންތަނާއި ޖިމް އަދި އެކިގޮތްގޮތަށް ހެދިފައި ހުރި މާރުކޭޓުތައް މީގައި ބެލިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ އެ މާސް އިންސްޕެކްޝަނުގެ މަގުސަދަކީ ކޮވިޑް 19އާ ގުޅިގެން ހެދިފައި ހުރި އުސޫލުތަކާއި ގަވައިދުތަކަށް އެތަންތަނުން އަމަލުކުރަނީ ކިހާ ވަރަކަށްތޯ ބެލުން ކަމަށާއި މާޒަކީ ރައްޔިތުންނަށް ރައްކާތެރި، ދުޅަހެޔޮ މާހައުލެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުން ކަމަށެވެ.

"އަޅުގަނޑުމެން ޖެނެރަލްކޮށް ބަލާނަން ސަރުކާރުގެ އެކި އިދާރާތަކުން މިތަންތަނަށް ދެވިފައި ހުންނަ ހުއްދަތަކަކީ ކޮބައިކަން. އެ ހުއްދަތައް ހުރިތޯ ނެތްތޯ އަޅުގަނޑުމެން ބަލާނަން. މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް މިއީ އަޅުގަނޑުމެން ފޯކަސްކުރާ އެއް ދާއިރާކަމަށްވާތީވެ ކިހިނަކުންތޯ އެބޭފުޅުން ވޭސްޓް މެނޭޖުކުރަނީ އަޅުގަނޑުމެން ބަލަން. ސްޓާފުންނާއި އަދި ހިދުމަތް ހޯދަން އަންނަ ފަރާތްތައް އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ އަޅުގަނޑުމެން ބަލާނަން،" އޭނާ ވިދާޅުވިއެވެ.

ނާސިރު އިތުރަށް ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީގައި ކަމަށާއި އަތޮޅުތެރޭގައި ވެސް އެ ޕްރޮގްރާމު ކުރިއަށްގެންދިއުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.