ގިނަ ސެލޫންތަކުގައި ތޮއްޖެހިގެން އުޅޭތަން ފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން އަހުމަދު ނާސިރު ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހު ކުރިއަށްގެންދާ މާސް އިންސްޕެކްޝަނުގައި ސެލޫންތަކާއި ބޯކޮށާ ތަންތަނުން ވެސް އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެނިގެންދަނީ ގިނަ ސެލޫންތަކުގައި، ހާއްސަކޮށް ބޯކޮށާ ތަންތަނުގައި ހިދުމަތް ހޯދަން އަންނަ ފަރާތްތައް ތޮއްޖެހިގެން، ވަކި ޑިސްޓެންސެއް މެއިންޓެއިން ނުކޮށް ކުރިއަށްދާކަން. ނަމަވެސް އަޅުގަނޑުމެން މި އިންސްޕެކްޝަނުގައި ބަލާނަން ވެއިޓިން އޭރިއާގައި ކިހިނެއްތޯ ޑިސްޓެންސް މެއިންޓެއިންކޮށްފައި ހުރީ. އަދި ބޯކޮށުމަށް އަމަލުކުރުމުގައި އެޕްރޯން ނުވަތަ ފޮތިގަނޑު ނުވަތަ ބޭނުންކުރާ ތުވާލި ކަހަލަ ތަކެތި އެއް ކަސްޓަމަރަކަށް އެޓެންޑު ކުރުމަށްފަހު އަނެއް ކަސްޓަމަރަށް އެޓެންޑުކުރާ އިރުގައި ބަދަލުކުރަން ޖެހޭ. މިކަހަލަ ކަންތައްތަކަށް ވެސް އަޅުގަނޑުމެން ބަލާނަން. ހިދުމަތް ދޭއިރު ފޭސް ޝީލްޑް އެޅުމާއި މާސްކު އެޅުމާއި އަތްދޮވުން ކަހަލަ ކަންތައްތައް އެތަނުގައި ހުރީ ކިހިނެއްތޯ އަޅުގަނޑުމެން ދެނެގަންނާނަން،" އޭނާ ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ވެސް ކަންބޮޑުވާން ޖެހޭ ކަންތައްތައް ހުރިކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން ކާބޯތަކެތީގެ ހިދުމަތް ދޭ ބައެއް ޓޭކްއަވޭ ތަންތަނުގައި އެއްވެސް އުސޫލެއް ނެތި ހިދުމަތްދެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

"ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނަށް ނަޒަރު ހިންގާލާ އިރު، ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރެވޭ. މި ލޮކްޑައުންގެ ތެރޭގައި ވެސް އަދި މާލޭގެ ގިނަ ފިހާރަތަކަށް ބަލައިލި ކަމުގައިވިޔަސް ބައެއް ކަހަލަ ރީތި މަންޒަރުތައް އެބަފެނޭ. ފިހާރަތަކުގައި އެބަހުރި ސްޓިކާތައް ހަރުކުރެވިފައި. ނަމަވެސް ކާބޯތަކެތީގެ ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތައް ކާބޯތަކެތީގެ ހިދުމަތް ދޭ ބައެއް ޓޭކްއަވޭ ތަންތަނުގައި އެއްވެސް އުސޫލެއް ނެތި މިކަން ކުރިއަށްދާކަން އަޅުގަނޑުމެންނަށް ފާހަގަކުރަން." އޭނާ ވިދާޅުވިއެވެ.

މިމަހުގެ 12 ވަނަ ދުވަހު މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގައި ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނާއި ފިހާރަތަކާއި އަދި ސެލޫން، ބޯކޮށާ ތަންތަނާއި ޖިމް އަދި އެކިގޮތްގޮތަށް ހެދިފައި ހުރި މާރުކޭޓުތަކުން އަމަލުކުރާ އުސޫލުތައް ބެލުމަށް ހަމަޖެހިފައިވެއެވެ. އެ މާސް އިންސްޕެކްޝަނަކީ އެޗްޕީއޭ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، މާލެ ސިޓީ ކައުންސިލް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ރެޑްކްރެސެންޓް (އެމްއާރުސީ)، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ވެމްކޯ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.