މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ހަރަކާތްތައް މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިގޮތަށް ނިންމެވީ ރައީސް އޮފީހުން ބުނި ގޮތުގައި، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިލާން ޖެހުނު ދަތިތަކާއެކު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ އިތުރުން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދާތީ ކަމަށެވެ.
އެގޮތުން ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މިއަހަރު ނުބާއްވާނެއެވެ.
ރައީސް އޮފީހުން ބުނީ، މިނިވަން ދުވަހުގެ ހަރަކާތްތައް ނުބޭއްވި ނަމަވެސް އެދުވަހު ރައީސް ސޯލިހް ގައުމާ މުހާތަބު ކުރެއްވުން އޮންނާނެ ކަމަށާއި އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ ޖުލައި 26ގެ ހެނދުނު 10:00 ގައި ކަމަށެވެ.
މިއަދުގެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިއަހަރު ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ބޭފުޅުންނަށް ރައީސް ދެއްވާ ހާއްސަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމާގުޅޭ ގޮތުން ވެސް ރައީސް ވަނީ މަޖިލީހުގެ ލަފާ ހޯއްދަވައިފައެވެ.
އެގޮތުން ގައުމީ އިނާމަށާއި ހާއްސަ އިނާމަށް އިއުލާނު ކުރުމާއި ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތެއްގެ މައްޗަށް ބަލައި މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ހާލަތު ބަދަލުވެއްޖެނަމަ، ގައުމީ ދުވަހުގެ ޖަލްސާ އާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވައި އިނާމު ދެއްވާ ގޮތަށް ވަނީ ނިންމައިފައެވެ. އަދި ޖަލްސާ ބޭއްވޭނެ ގޮތް ނުވެއްޖެނަމަ، އެ ވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އިނާމު ދެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.
ގައުމީ އިނާމު މިހާރު ދެއްވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ގައުމީ ދުވަސް ކަމަށްވާ 1 ރަބީއުލްއައްވަލް މި އަހަރު ދިމާވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހާއެވެ. ހާއްސަ އިނާމު ދެއްވަމުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު