ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއްގެ މިނިސްޓަރެއް ކައިރީގައި އިންތިހާބެއް ހުއްޓުވަން ބުނުމަކީ ރީތިކަމެއް ނޫން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފު އެހެން ވިދާލުވީ، އެފްއޭއެމް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ އެސޯސިއޭޝަނަށް ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި ގަރާރުގެ މައްސަލަ ދިރާސާ ކުރަމުން އަންނަ އިޖްތިމާއީ ކޮމިޓީއަށް މިއަދު ހާޒިރުވެ ވާހަކަދައްކަވަމުންނެވެ.

އާޒިމް ހުށަހެޅުއްވި އެ ގަރާރު ދިރާސާކުރަމުން އަންނާތީ އެފްއޭއެމުން މިދިޔަ ބުރާސްފަތި ދުވަހުގެ ބޭއްވި އިންތިހާބު ފަސްކުރަން އިޖްތިމާއީ ކޮމިޓީން މިނިސްޓްރީގައި އެދުނެވެ. ކޮމިޓީން އެދުނު ގޮތަށް މިނިސްޓްރީން އެފްއޭއެމްގައި އެދުނު ނަމަވެސް އެފްއޭއެމްގެ އިންތިހާބު އެދުވަހު ބޭއްވިއެވެ.

ނަމަވެސް އާޒިމް މައްސަލަ ހުށަހެޅުމުން އެފްއޭއެމުން އެކަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ، ފީފާގެ ސަމާލުކަމަށް ގެނައެވެ. އެކަމާ ގުޅިގެން ފީފާ އިން ވަނީ އެފްއޭއެމް އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ އިންޒާރުދީފައެވެ.

އާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މަހްލޫފު ވިދާޅުވީ، އެ ކޮމިޓީގެ އެދުމަކަށް އެފްއޭއެމްގެ އިންތިހާބު ފަސްކުރުވިނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށެވެ. އަދި ރާއްޖެއަށް ފުޓްބޯޅައިގެ ސަސްޕެންޝަނަށް އައިނަމަ އެކަމުގައި ކުށްވެރިވާނީ ރައީސުލްޖުމްހޫރިއްޔާ އާއި ސްޕޯޓްސް މިނިސްޓަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި އެންމެ ކަންބޮޑުވި އެއް ކަމަކީ މީގެ ހަތަރު މަސް ކުރިން އިލެކްޝަނަކަށް ގޮވާލީމަ ވާދަކުރާނެ އެއްވެސް މީހަކު ކުރިމަތިނުލައި ބޮޑު ގާނޫނީ ސަރުކާރެއްގައި ހުރި މިނިސްޓަރު ކައިރީގައި ގޮސް އިންތިހާބު ހުއްޓުވާށޭ ބުނުމަކީ އެއީ ރީތި ކަމެއް ނޫން.... ކުޅިވަރު ހަވާލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ކިހިނެތްތޯއޭ އަޅުގަނޑު އެތަނުގައި ތިބޭ މީހުންނާ ހަނގުރާމަކުރަމުން ކުޅިވަރު ކުރިއަރުވާނީ. އެކަމެއް ނުވާނެ. އެޖާގައެއް ނޯންނާނެ،" މަހްލޫފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ކަންކަން ނިންމަވާއިރު އަމިއްލަ ވިސްނުން ގެންގުޅުއްވުން މުހިންމު ކަމަށެވެ. އަދި ދިވެހި ފުޓްބޯޅަ ސަސްޕެންޑް ކުރާވަރުގެ ކަމެއް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ގުޅިގެން ނުކުރެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

"ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރަކީ ފުޓްބޯޅަ. އެހެންވީމަ ރާއްޖެ ސަސްޕެންޑް ކުރާވަރުގެ ކަމެއް ތިބޭފުޅުންނާއި އަޅުގަނޑުމެންނާ (މަޖިލީހާއި ސަރުކާރުން) ވެގެން ނުކުރުން. ދެވަނަ ކަމަކަށް ސަސްޕެންޝަނެއްގެ ވާހަކަދައްކާއިރު އެދުވަހު ތިބޭފުޅުންގެ ފަރާތުން އައި ރިކުއެސްޓް (އިންތިހާބު ފަސްކޮށްދިނުމަށް އެދުން)ގެ އެންޑް ރިޒަލްޓަކީ ސަސްޕެންޝަނެއް. އެދުވަހު މިސާލަކަށް ފުލުހުން ފޮނުވައިގެން އިންތިހާބު ހުއްޓުވިނަމަ ރާއްޖެ ސަސްޕެންޑް ކުރާނެކަން ޔަގީން،" މަހްލޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޝަރުތު ހަމަވާ ކުލަބްތަކުން މިއަދުވެސް އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ނިންމެން އެބަ އޮތް ކަމަށެވެ. އަދި ހަތަރު މަސް ކުރިން އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން، އެކަމަށް ކުރިމަތި ނުލައި، ގާނޫނީ ސަރުކާރެއްގެ މިނިސްޓަރެއް ކައިރީގައި އިންތިހާބު ހުއްޓުވަން ބުނުމަކީ ރީތިކަމެއް ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.